ހުޅުމާލެ ފަޅުތެރޭގައި 10 މިލިއަނާއި 12 މިލިއަނާއި ދެމެދުގެ މަސް ނުކިރި އެބަހުރި ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ފާހަގަކުރެއްވި ގޮތުގައި މިދިޔަ މޭމަހު ދިވެހިރާއްޖެއިން ބޮޑުކަންނެލި އެކްސްޕޯޓް ކުރެވުނު ނިސްބަތް 53 އިންސައްތަ ދަށްވެފައިވާ އިރު، ކަންނެލީގެ މަސްވެރިކަން ކުރާ އޮޑިފަހަރުގެ އަދަދު 300 އިން 150 އަށް ދަށްވެފައިވެއެވެ. މި ހާލަތުގައި، 120 ޓަނުގެ މަސް ވީހާވެސް އަވަހަކަށް ކިރޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރަށް މެމްބަރު ގޮވާލައްވާފައިވެއެވެ.
މެމްބަރު ޝަމްހީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު ފޮތުގެ 58 ވަނަ ޞަފުޙާގައި ހިމެނޭ މަސްވެރިންނާ ގުޅޭ ވަޢުދުތަކަށް އަލިއަޅުވާލައްވާފައެވެ.
”ރައީސް ވަޢުދުވެވަޑައިގެންފައިވަނީ މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް ހައްދަވާ، ޢާއްމު މަސްވެރިންނަށް އެ ސޮސައިޓީގައި ބައިވެރިވެ، މިފްކޯގެ ޙިއްޞާ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް“ މެމްބަރު ވިދާޅުވިއެވެ.
މީގެއިތުރުން ކަންނެލީގެ އަގު 80 ރުފިޔާއަށްވުރެ ދަށް ނުކުރައްވާނެ ކަމަށާއި، މަސްވެރިންނަށް ފަސޭހައިން ލޯނު ނެގޭނެ އިންތިޒާމްތައް ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް ރައީސް ވަޢުދުވެވަޑައިގެންފައިވާ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.
ޑރ ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި ނިމިދިޔަ އެމްޑީޕީ ސަރުކާރަކީ މަސްވެރިކަމުގެ ސިނާޢަތަށް އެންމެ ގިނަ އިންވެސްޓްމަންޓް ގެނެސް، އެންމެ ގިނަ މަސް ބޭނުނު ދުވަސްވަރެވެ. އަދި މިއަދު ސަރުކާރުން އިޢުލާންކުރަމުންދާ ކޮންމެ އިންވެސްޓްމަންޓަކީވެސް އެމްޑީޕީ ސަރުކާރުން ހޯދާފައިވާ ފައިސާއިން ކުރެވޭ އިންވެސްޓްމަންޓްތަކެއް ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

