ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އެންމެ ބޮޑު ގެއްލުމެއް ދީ، ނިކަމެތިކަމެއް ދީފައި ވަނީ އެމްޑީޕީކަމަށް ށ. މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީ ހުށަހެޅި ކުއްލި މައްސަލައިގައި މުފީދު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ހުރިހާ ގެއްލުމެއްގެ ޒިންމާ ނަގަން ޖެހޭނީ ކުރީ ސަރުކާރުން ކަމަށެވެ. އަދި މަސްވެރިންނަށް އެތައް ދޮގު ވައުދެއް ވެ، ފަސް އަހަރުގެ ދައުރެއް އެ ސިނާއަތުގެ އެތައް ބައެއްގެ ހިތުގައި ޖައްސައި ނިންމާލާފައި ވަނީ ވެސް އެމްޑީޕީކަމަށް މުފީދު ވިދާޅުވި އެވެ.
އެމްޑީޕީގެ އެންމެ ބޮޑު އެއް ވައުދު، ގޭދޮށު މަސް ފެކްޓީއާއި ގުޅޭ ގޮތުން މުފީދު ވިދާޅުވީ ރައްޔިތުންގެ އެ އުންމީދުގައި ކުލަ ޖައްސައިދޭން އެމްޑީޕީ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
މުފީދު ވިދާޅުވީ ދިވެހިރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީ އުފެދިގެން އައިއްސުރެ އެމްޑީޕީގެ ސިޔާސަތަށް ދެދައުރެއްގައި ވެރިކަންކުރުމުގެ ފުރުސަތު ލިބުނުއިރު މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.
އެހެން ނަމަވެސް މި ސަރުކާރަށް މިވީ ކުޑަ ދުވަސް ތަކުގެ ތެރޭގައި ބަންދު ދުވަހެއް އިސްތިސްނާނުކޮށް ބޮޑުކަންނެލީގެ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި 250 މިލިއަން ރުފިޔާގެ ބެކްލޮގެއް ސާފުކޮށް މަސްވެރިންނަށް ދޭންވާ ޙައްޤު އުޖޫރަ މިސަރުކާރުން ދީފައިވާކަމަށާއި މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭނެ ހުރިހާ ކަމެއް މިސަރުކާރުން ކުރަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން މަސްވެރި ސިނާއަތް ނަގާ ކޮޅަށް ޖެހުމަށްޓަކައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރެވިފައިވާނީވެސް މިސަރުކާގެ ސިޔާސަތުގެތެރެއިން ކަމަށް މެމްބަރު ތަކުރާރުކޮށް ވިދާޅުވިއެވެ.
މިގޮތުން މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ބޮޑުކަންނެލި މަސްވެރިންނާއި ރާގޮޑި މަސްވެރިންނާއި ، ކަޅުބިލަމަހުގެ މަސްވެރިން އަދި ފަރުމަހުގެ މަސްވެރިންގެ ހިމާޔަތުގައިކަމަށް މެމްބަރު ވިދާޅުވިއެވެ. މިގޮތުން މިސަރުކާރު މަސައްކަތްކުރާނީ ރައްޔިތުންނާއި ގުޅިގެން ކަންކަން ކުރިއަރުވަންކަމަށް މެމްބަރު ވިދާޅުވިއެވެ

