ދިވެހިރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ގިނަ ރައްޔިތުން ފާހަގަކުރަނީ، މުދާ އިމްޕޯޓުކުރާ މިންވަރު އިތުރުވެ، އިމްޕޯޓަށް ބަރޯސާވާ މިންވަރު މަތިވަމުން ދިއުމެވެ. މިއީ އިޤްތިޞާދު ދަށްވެ، ޤައުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. އެހެންނަމަވެސް، މި އިމްޕޯޓަކީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކުން ކުރާ އިމްޕޯޓެއް ނޫނެވެ. އާންމު ރައްޔިތުން، އަމިއްލަ ބޭނުންތަކަށް އޮންލައިންކޮށް ގަންނަ ކުދިކުދި ތަކެތިވެސް މި މައްސަލައަށް އިތުރު ބުރައެއް ގެނެއެވެ.
މި ކަމުގެ އެންމެ މުހިންމު ސަބަބަކީ، ގިނަ ދިވެހިން މިފަދަ މުޢާމަލާތްތައް ކުރުމަށް ބޭނުންކުރަނީ ދިވެހި ފައިސާ (ރުފިޔާ) ކަމުގައިވާތީއެވެ. ނަމަވެސް، މިފަދަ މުޢާމަލާތްތަކަށް ބޭންކުތަކުން ރާއްޖެއިން ބޭރުކުރަންޖެހެނީ ބޭރު ފައިސާ، ޚާއްޞަކޮށް ޑޮލަރެވެ. މިއީ ޤައުމުގެ ޑޮލަރު ރިޒާވަށް ކުރާ ނޭދެވޭ އަސަރެކެވެ.
މީގެ ކުރިންވެސް، ދިވެހި ރައްޔިތުން ކުރާ ބޭރު މުޢާމަލާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑެބިޓް ކާޑުތަކަށް ދޫކޮށްފައިވާ ޑޮލަރު ލިމިޓު، 2020 ވަނަ އަހަރު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ފަތުރުވެރިކަން މަޑުޖެހުމާއެކު އިޤްތިޞާދު ދަށްވުމާ ގުޅިގެން 250 ޑޮލަރަށް ކުޑަކުރެވުނެވެ.
މި ލިމިޓު ފަސް އަހަރަށް ފަހު މި މަހުގެ އެއް ވަނަ ދުވަހު ވަނީ 500 ޑޮލަރަށް އިތުރުކޮށްދީފައެވެ. ނަމަވެސް، މި ބަދަލާއެކު އައި މުހިންމު އިތުރު ބަދަލަކީ، ދިވެހިން އާންމުކޮށް ވިޔަފާރިކޮށް އުޅޭ ޓެމޫ، އަލީ އެކްސްޕްރެސް، އަލީބާބާ، އީބޭ، ޝީން އަދި ލަޒާޑާ ފަދަ އޮންލައިން ޕްލެޓްފޯމްތަކުގައި ކުރާ މުޢާމަލާތްތަކަށް 30% ގެ ޗާޖެއް ނެގުމަށް ބޭންކުން ނިންމާފައިވުމެވެ.
މި ޗާޖު ނެގި ނަމަވެސް، ބޭންކުގެ ކާޑުތަކުން ވިޔަފާރިކުރެވޭ އިތުރު މަންޞަތަކުން ކުރާ ވިޔަފާރިތަކަށް އެއްވެސް ޗާޖެއް ނުނަގައެވެ. ދިވެހިން 155،000 އަށްވުރެ ގިނަ ވެބްސައިޓުން ވިޔަފާރިކުރާއިރު ފީ ދައްކަން ޖެހެނީ އެންމެ 6 ވެބްސައިޓަކަށެވެ. މީގެ އިތުރުން ކްރެޑިޓް ކާޑާއި ޓްރެވެލް ކާޑާއި ބިޒްނަސް ކާޑުތަކުން ކުރާ މި ހަ ވެބްސައިޓްވެސް ހިމެނޭ ގޮތަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
ބޭންކުން މީޑިއާތަކަށް މަޢުލޫމާތު ދިންގޮތުގައި މުޢާމަލާތްތަކަށް މި ޗާޖު ނަގަން ނިންމީ، އޮންލައިން ވިޔަފާރިކުރުމުގައި ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައި، ރާއްޖެއެއިން ބޭރުވާ ޑޮލަރުގެ މިންވަރު މަދުކުރުމަށްޓަކައެވެ. ބޭންކުން ދެކޭގޮތުގައި މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހުޅުވި، ޑޮލަރަށް އޮންނަ ބަރޯސާވުން ކުޑަވެ، ޤައުމީ އިޤްތިޞާދަށް އެދެވޭ ބަދަލުތަކެއް އަންނާނެއެވެ. މިއީ ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
މި ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަގުގައި ލިބިދާނެ ފައިދާތައް ތަފްޞީލުކޮށް ބަލާއިރު:
- ޑޮލަރު ރިޒާވް ހިމާޔަތްކުރުން: މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއިން ބޭރަށް ދައުރުވާ ޑޮލަރުގެ މިންވަރު މަދުވެ، ޤައުމުގެ ޑޮލަރު ރިޒާވް ހިމާޔަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.
- އެސް،އެމް،އީގެ ވިޔަފާރިތަކަށް ފުރުޞަތު: ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުން ގަންނަ މުދަލަށް ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުން ގަންނަ މުދަލަށް އިތުރު ޗާޖެއް ނެގުމުގެ ސަބަބުން، ރާއްޖޭގެ ވިޔަފާރިތަކަށް ވާދަވެރި މާޙައުލެއް އުފެދި، އެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.
- އުފެއްދުންތެރިކަން އިތުރުވުން: ރާއްޖޭގައި އުފައްދާ މުދަލާއި ޚިދުމަތްތަކަށް ޑިމާންޑް އިތުރުވެ، ޤައުމުގެ އުފެއްދުންތެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.
- ވަޒީފާގެ ފުރުޞަތުތައް އިތުރުވުން: ރާއްޖޭގެ ވިޔަފާރިތައް ފުޅާވެ ކުރިއަރައިގެން ދިއުމާއެކު، އާ ވަޒީފާގެ ފުރުޞަތުތައް އުފެދި، ވަޒީފާގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.
- އިންވެސްޓްމަންޓް އިތުރުވުން: ރާއްޖޭގެ ވިޔަފާރިތަކަށް ލިބޭ ފުރުޞަތުތަކާއެކު، އެ ދާއިރާތަކަށް އިތުރު އިންވެސްޓްމަންޓްތައް ޖެލްބުމަށް މަގުފަހިވެގެންދާނެއެވެ.
މި ބަދަލުތަކަކީ ކުރު މުއްދަތެއްގައި ބައެއް ފަރާތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވިޔަސް، ދުރު ރާސްތާގައި ޤައުމުގެ އިޤްތިޞާދު ވަރުގަދަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މި ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން އިތުރުވެ، ބޭރުގެ ބާޒާރުތަކަށް އޮންނަ ބަރޯސާވުން ކުޑަވެގެންދާނެއެވެ.

