ޒަމާނީ އިންޖީނު ރޫމާއި ކޮންޓްރޯލް ރޫމް ހިމެނޭ ގޮތަށް ކ. ދިއްފުށީގައި އަލަށް ޤާއިމްކުރާ އިންޖީނުގެ މަސައްކަތުގެ ބޮޑު ބައި ނިންމާލައިފި އެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ދެއްވަމުން ސްޓޭޝަން މެނޭޖަރ ހުސެއިން ޝާފިއު ވިދާޅުވީ 2024 ވަބަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިމާރާތުގެ ބިންގާ އަޅައި އޭގެ ޖެހިގެން އައި ދުވަހު މަސައްކަތް ފެށުނު ކަމަށެވެ. އަދި މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ބާރު ސްޕީޑެއްގައި ކުރެވުނު މަސައްކަތާއި އެކު އިންޖީނުގެ އެއްކޮށް ނިންމާލެވިފައިވާކަން ފާހަގަކުރެއްވި އެވެ.
ބައެއް މަސައްކަތްތަކަށް ކިރިޔާވެސް ލަސްތަކެއް އައި ޝާފިއު ވިދާޅުވީ ބައެއް މުދާތައް ލިބުމުގައި ހުރި ދަތިތަކާއި ހުރެ އެވެ. އޭގެ ފަހުން ފިއުލް ލައިން ފިލް ސްޓޯރޭޖު އިތުރު ކުރުމަށް ދެ ތާނގީ ބަނުމަށް ފެށި މަސައްކަތާއި އެކު އެއްކޮށް ހުއްޓުމެއް ނެތި ޕްރޮޖެކްޓު ކުރިޔަށް ދިޔަކަމަށް ޝާފިއު ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވި ގޮތުގައި މިހާރު ކުރަމުން ދަނީ ބާ އިންޖީނުގެ، އައު އިމާރާތަށް ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކެވެ. އަދި އިންޖީނު އިންސްޓޯލްކޮށް، ޓެސްޓު ކުރެވިފައިވާކަމަށް ޝާފިއު މައުލޫމާތު ދެއްވި އެވެ.
މިހާރު ކުރަން ހުރި މަސައްކަތެއްކަމަށް ޝާފިއު ވިދާޅުވީ ތަނުގެ ފިނިޝިންގެ މަސައްކަތާއި، ޕަވަރ ހައުސްގެ ދެ އިންޖީނުގެ ގުޅުވާލުމެވެ.
އައު އިންޖީނުގެއަށް ބަދަލުވުމަށް ފަހު އަންނާނެ ތަފާތަކީ ކޮބައިތޯ ”ސަންގު“ އިން ސުވާލު ކުރުމުން ޝާފިއު ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެ ކަރަންޓު ކެޕޭސިޓީއަކީ 2،200 ކިލޯވޮޓް ކަމަށެވެ. އަދި އައު އިންޖީނުގޭގައި 07 މަގެވޮޓް ހުންނާނެކަން ފާހަކޮށް ވިދާޅުވީ މިއީ އަނެއް އިންޖީނުގެއާއި އަޅާބަލާއިރު އޭގެ ތިން ގުނަ އިތުރުވުމެއް ކަމަށެވެ.
އެހެންވީމާ މިހާރު ދެން ހުރި މަސައްކަތްތައް އަޅުގަނޑު މި ގެންދަނީ ތަން ހުޅުވުމަށް ބޭނުންވާ ދެން ހުރި ކަންތައްތައް ކުރަމުން.. އެއީ ތަން ރީތިކުރުމާއި ޕަވަރ އުސްގެ ދެ އިންޖީނުގެ އެކި ގުޅާލާ މި ކަންތައް ކުރުމުގެ މަސައްކަތް.. މިއީ އަޅުގަނޑު މިހާރު ކުރަމުންދާ މަސައްކަތްތަކަކީ… ކުރިން ކަރަންޓް ކެޕޭސިޓީ ކުރީގައި އަޅުން އިންޖީނުގޭގެ ކެޕޭސިޓީއަކީ އެއީ 2،200 ކިލޯ ވޮޓު.. ދެން މިހާރު އަޅުގަނޑުމެން މި ތަނަށް ބަދަލުވީމަ މިއީ ހަތެއް މޭގަ.. އޭގެ ތިން ގުނަ ވަރު ގާތްގަނޑަކަށް ހަމަ އިތުރުވެގެން މި ދަނީ.. ހަތެއް މޭގަ އިންޖީނުގެ މިތާ ފަސް ބެޑަށް މި ހުންނަނީ މި އިންޖީނުގޭގައި މި ހުންނަނީ ފަސް ބެޑު ކޮންމެ ބެޑަކީ އެއީ 1.6 ގެ އިންޖީނެއް ބެހެއްޓޭ ވަރުގެ ބެޑެއް.. ޕެނަލް ވެސް މިހާރު އެހެރީ އެހާވަރުގެ ޕެނަލްއެއް ގެނެސް އިންސްޓޯލް ކުރެވިފައި..
ޝާފިއު ވިދާޅުވީ ދިއްފުށީގެ ކަރަންޓުގެ މައްސަލަތައް ދިމާވެ، ލޯޑު ނުހިފެހެއްޓި އުފުލިގެން ގޮސް ހިދުމަތަށް ބޫރުއަރާފައި ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އެއާއި އެކު އިންޖީނުގެ ބަދަލު ކުރާ ސަބަބަކީ ކެޕޭސިޓީ އިތުރު ކުރުމާއި އެކު ތަނުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ހުރުންކަމަށް ޝާފިއު ވިދާޅުވި އެވެ. އަދި އިންޖީނުގެއަށް ދުވަސްވެފައި ހުރުމާއި އެކު، ބިމުގެ ދަތިކަން ހުރުމުން ތަން އިތުރަށް އެކްސްޕެންޑު ކުރެވެން ނެތްކަމަށް ޝާފިއު ވިދާޅުވި އެވެ.
އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދާއި ދުރަށް އިންޖީނުގެތައް ބަދަލު ކުރުމުގެ ސިޔާސަތުގެ ދަށުން މިހާރު ލިބިފައިވާ ބިމަކީ 30،000 އަކަފޫޓުގެ ތަނެކެވެ. އަދި ސްޓެލްކޯގެ މަސައްކަތަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާއިރު، އެތެރޭގެ ހަރަދުތައް ވެސް އެއްކޮށް ކުޑަކުރެވުނީކަމަށް ޝާފިއު ވިދާޅުވި އެވެ.
އާންމުކޮށް މަސައްކަތުގެ ތެރެއިން އަންނަ ސްޓެލްކޯގެ މުވައްޒަފުންނަށް ހުރުމުގެ އެކި އިންތިޒާމުތައް ހަމަޖަސައި، ގެތައް ކުއްޔަށް ނަގަން ޖެހޭ އިރު ދިއްފުށީގެ އައު އިންޖީނުގެއާއި އެކު އެ މައްސަލަ ހައްލު ވެގެންދާނެ އެވެ. އެއީ ތަނުގައި ދެ ކޮޓަރީގެ އެކަމޮޑޭޝަން ބްލޮކްތައް ހުރުމުންނާއި، މުވައްޒަފުންނަށް ވަކިން އެކުގައި ވަގުތު ހޭދަކުރެވޭ ގޮތަށް ތަނެއް ހަދާފައި ހުރުމެވެ. މި ތަންތަން ހަދާފައި ހުރީ ކެއްކޭ ގޮތަށް، ކޮފީ ކޯނާރ އާއި ނަމާދު ކޮޓަރިއާއި އެކު އެވެ.
ދިއްފުށީގެ ސްޓެލްކޯގެ އިމާރާތުގައި ހުރި އެހެން ބައެއް ދަތިތައް ފާހަގަކޮށް ޝާފިއު ވަނީ ނޫސްވެރިންނަށް އެސް ބިލްޑިން ވެސް ދައްކާލާފަ އެވެ. ބިލްތައް ދެއްކުމާއި، އަދި އިންޖީނު ހުންނަ ތަން ހަދާފައި ހުންނަނީ ވަރަށް ކުޑަ ތަންކޮޅެއްގަ އެވެ. އެގޮތުން ބިލްތައް ދެއްކުމަށް ތަނުގެ ތެރެއަށް އެއްފަހަރާ ދެ މީހުންނަށް ވުރެ ގިނައިން ވަދެ ހުރެވޭނެ ޖާގަ އެތަނުގައި ނެތެވެ.
މީގެއިތުރުން އެންމެ ބޮޑު ޖާގައިގެ ދަތިކަމެއް އޮތީ ކޮންޓްރޯލް ރޫމުގަ އެވެ. އެތަނަށް ގިނަ މީހުންނަށް ނުވަދެވުމާއި، ސަމާލުވެ ނެތް ނަމަ އޮޅިގެން ގޮނޑިން އިމަޖެންސީ ފިތުގައި ޖެހޭނެ އެވެ.
ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް އެއްކޮށް ނިންމާލެވި، އޮޕަރޭޝަނަށް ގެންނައިރު ތަނުގައި ޒަމާނީ އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިންޖީނުގެ ހިންގުމަށް ބޭނުންވާ އެކިއެކި ވަޞީލަތްތަކާއި އޮފީސް އިމާރާތެއް ހުންނާނެ އެވެ.

