ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ އާ ސްކޫލްގެ ނަން ޝަހީދު އަލިރަސްގެފާނުގެ ނަމަށް ނިސްބަތްކޮށް، ”ޝަހީދު އަލީ ސްކޫލް“ ގެ ނަން ދޭން ނިންމައިފިއެވެ.
މި އިމާރާތަކީ 2023 ވަނަ އަހަރު އާރުސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތަކެވެ. މި އިމާރާތުގެ ބިންގާ އެޅުނީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ސްކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއުވަނީ އެ ސަރަހައްދަށް ޒިޔާރާތް ކުރައްވާ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާ ލައްވާފައެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފަށަން ނިންމާފައިވާ އެ ސްކޫލްގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު އެއްކޮށް ނިންމާލުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާ އެ ސްކޫލަކީ އެއްދަންފަޅި އަށް 1،500 ކުދިންނަށް ކިޔެވޭނެ ޖާގަ ގޮތް ސްކޫލެކެވެ.
އެ ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމުގެ އިތުރުން 20 މީހުންގެ ޖާގައިގެ ތިން ލިފްޓް ހަރުކޮށް، ހުރިހާ ކްލާސްރޫމެއް ހުންނާނީ އޭސީ ކޮށްފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުޅި ސްކޫލަށް ބޭނުންވާ ކަރަންޓް އުފައްދާނީ ސޯލާ ހަކަތައިންނެވެ.
މީގެއިތުރުން އެ ސްކޫލު ނިމޭއިރު މާލެ ސަރަހައްދުގައި ހުންނަ އެންމެ ބޮޑު ސްކޫލް ލައިބްރަރީގެ އިތުރުން އޮޑިޓޯރިއަމް އާއި ހޯލަކާއި ސްޓާފް ކެންޓީން ވެސް ހުންނާނެ ކަމަށް މިނިސްޓަރު އިސްމާއިލް ވިދާޅުވިއެވެ. މިނިސްޓްރީން ނިންމާފައިވަނީ އެ ސްކޫލުން ޖާގަ ބޭނުންވާ ކުދިން ގިނަނަމަ ދެ ދަންފަޅި އަށް ބަދަލު ކުރުމަށެވެ. އެއީ ވީހާ ވެސް ގިނަ ކުދިންނަށް ފަސޭހަކޮށް، ގެއާ ކައިރި ސްކޫލަކަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.

