މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އިންސާފު ހޯދަން ގޮވާލައި ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދު އާއި އައިޝަތު ޝިމަންއަށް ދައުވާ ނުކުރާ ގޮތަށް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އިން ބުނެފިއެވެ.
މި ކަމާއި ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަހުމަދު ޝަފީއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަހްޒޫމާއި ޝިމަންއަށް ވެސް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ކުރިން ވެސް ދިން ކަމަށެވެ. ދެ މީހުން ވެސް އެ ހުށަހެޅުމަށް އިންކާރުކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމައްސަލައިގައި އެދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ، މިދިޔަ މަހުގެ 25ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އެއީ، ނަސޭހަތުގެ އެއްބަސްވުން ހަދަން އެދުމުން އެކަމަށް ދެކޮޅު ހަދާފައިވާތީ ކަމަށް އެ އޮފީހުން ބުންޏެވެ.
އެގޮތުން، މަހުޒޫމްގެ މައްޗަށް ދައުވާ ކުރުމަށް ހުށަހެޅީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ ދަށުން ކަމަށް ޕީޖީން ބުންޏެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ބަންދުކުރުމެވެ.
ޝިމަންގެ މައްޗަށް ދައުވާ ކުރީ، ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. ޝިމަންގެ ދައުވާގެ އަސާސީ އަދަބަކީ، ހަތަރު މަހާއި 24 ދުވަހަށް ބަންދުކުރުމެވެ.

