ސޫލޫކީ މިންގަނޑުތަކުން ބަލާއިރު މިދިޔަ ސަރުކާރުގައި 59 ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު ވިދާޅުވީ މިނިވަން، އަދި މުސްތަގިއްލު ކަމާއިއެކު މަސައްކަތް ކުރަން ބޭނުންވާ ވަރަށް ގާބިލް ފަނޑިޔާރު ތިބި ކަމަށެވެ. މެމްބަރު ވިދާޅުވީ އަބަދުވެސް އެ ފަނޑިޔާރުންގެ މައްޗަށް ކޮންމެސް ދިމާލަކުން ނުފޫޒު އަންނަ ކަމަށެވެ.
މެމްބަރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެންމެ ފުރަތަމަވެސް، ފަނޑިޔާރުގެ އިސްލާހުކުރަންކަމަށް ބުނެ ވާހަކަދެކެވިގެން އައި ކަމަށާއި އެހެންނަމަވެސް އޭރު ހުންނެވި ފަނޑިޔާރު ހިފާ ހައްޔަރު ކުރީ ކަމަށެވެ. އަދި ވިދާޅުވީ ފަނޑިޔާރުންނަށް ކަނޑައަޅައިފައިވާ މުޅި ގާނޫނު ފުނޑާލައިފައި، ސިފައިން މެދުވެރިކޮށް ފަނޑިޔާރު އަބްދުﷲ ގާޒީ ހިފާ ހައްޔަރު ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޭގެ ގެއްލުމުން އަރައި ނުގަނެވޭ ކަމަށެވެ.
”މިއަދު އަޑަށް ބާރުލާފައި ، ފަނޑިޔާރު ގެއަށް އަދުގެ ސަރުކާރުން ކުޅޭ ވާޙަކަ ދައްކަމުން ދާއިރުގައި އިނގިލައްވާނެ ސުލޫކީ މިންގަނޑުތަކުން ބަލާއިރުގައި މިދިޔަ ސަރުކާރުން 59 ފަނޑިޔާރަކަށް އެބަހުރި ފިޔަވަޅު އަޅާފައި. ހަމަ ގަޔާނުވަންޏާއިމު، ނުރުހެންޏާމު، ކޮންމެވެސް ސުލޫކީ މިންގަނޑެއް ކޮންމެވެސް ގޮތަކަށް ވާޙަކަދައްކައިގެން. ކޮންމެ ބައެއްވެސް ފަނޑިޔާރު ގެ އިސްލާހުކުރަން ބުނެ އެތައް ވާހަކައެއް ދައްކާ“
މެމްބަރު ވިދާޅުވީ ފަނޑިޔާރުންނަށް މިނިވަންކަމާއިއެކު، މަސައްކަތް ކުރެވޭނެ ޖާގަ އެއްވެސް ބިރެއް ނުފޫޒެއްނެތި ދޭން ޖެހޭ ކަމަށެވެ. މެމްބަރު ވިދާޅުވީ ކަންބޮޑު ވަނީ މިނިވަން މުވައްސަސާތައް ގޮތުގައި ގާއިމްކޮށްފައި ހުންނަ ތަންތަނާއި އަދި ފަނޑިޔާރުންނަށް ވެސް ރައްކާތެރިކަމެއް ދިފައިވާއިރު އެކަން އެހެން ހިނގާ މަންޒަރު ފަނޑިޔާރުންގެ ކިބައިންވެސް ނުފެންނާތީ ކަމަށެވެ.

