ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރަނީ ޤައުމީ ޒިންމާއެއކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ދިވެހިރާއްޖެ އުފެދި ނަން ދެވުނީ، ދިވެހިބަހުގެ ސަބަބުން ކަމަށާއި، ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީވެސް ދިވެހިބަސް ކަމަށެވެ.
ހަމައެއާއެކު، އެތައް ހާސް އަހަރަކަށް އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި މި ރާއްޖެ ދެމިއޮތުމުގެ މައިގަނޑު ސަބަބަކީވެސް ދިވެހި ބަސްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާއަށް ތާރީފުގެ ބަސްތައް ތަކުރާރު ކުރަމުން، ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާ ކަމަށެވެ.
ދިވެހި ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކުވެސް ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑެމީން ކޮންމެ އަހަރަކުވެސް އެކި ޙަރަކާތްތައް ރާވައެވެ.
ގާނޫނީ މިނިވަންކަން ލިބިގެން ރާއްޖޭގައި ނޫސްވެރިކަމާއި ލިޔުންތެރިކަން ފަށާފައިވަނީ 1933ގައެވެ.

