ރައީސް ބޭނުންވާ ގޮތަށް ގާނޫނުތަކާއި، މުޅި ނިޒާމު ބަދަލުކުރަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށެވެ. ރައްޔިތުންގެ އެތައް ހައްގެއް ކަށަވަރުނުވެވާއިރު، މިފަދަ ބިލެއް ހުށައެޅުއްވީތީ މައުރޫފް ވަނީ ފާޑު ވިދާޅުވެފައެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ދައުރު ދައްމާލަންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަސްކަމަކަށް މިސްރާބު ޖަހާފައިވާކަމަށް ސިފަކުރެއްވިއެވެ.
މިހެން އަމަލުތައް ހުރިއިރު ސަރުކާރަށް ވީ ވައުދުތައް ނުފުއްދުމަކީ އެންމެ ބޮޑު އެއް ކަންބޮޑުވުންކަމަށާއި، ރައްޔިތުންނަށް އެތައް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ.
އެގޮތުން ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ، ގައުމުގެ އިގްތިސާދުވެސް އޮތީ ކަންބޮޑުވާންޖެހޭ ހާލަތެއްގައިކަމަށެވެ. ކާބޯތަކެތީގެ އަގުވެސް އިންތިހާއަށް އުފުލިގެން ގޮސްފައިވާކަމަށާއި، ވިޔަފާރިވެރިންވެސް ދަރަނިވެރިވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ސިއްހީ ނިޒާޟުގައި ހުރި މައްސަލަތައް ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ އާސަންދައަށްވެސް ޖެހެނީ ސަލާން ޖަހަންކަމަށެވެ.
ކޮންމެ ދުވަހަކު ގުޅަނީ ބޭސް ސިޓީއަށް ބޭސް ނުލިބިގެން. މިއީތޯ ކުރަން ފެނުނު އެންމެ މުހިންމު ކަމަކީ މިވަގުތު. މިއަށް ވުރެ ޒިންމާދާރުވާން ޖެހޭ.
މައުރޫފް ވިދާޅުވިއެވެ.
ސަރުކާރުގެ އަމަލުތައް މިއަށްވުރެ ޒިންމާދާރު ކުރަން ޖެހޭކަމަށާއި، ރައްޔިތުންނާއި މެދު ވިސްނަން ޖެހޭކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ މި ސަރުކާރުން ފެށި މަޝްރޫއުތައްވެސް ވަނީ ހުއްޓިފައިކަމަށެވެ. މަޖިލީހުން މިފަދަ ބިލެއްގައި މަސްއޫލުވެ އުޅުމުގެ ބަދަލުގައި މިހެން ހުރި މައްސަލަތައް ހައްލުކޮށް، ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުން މާ މުހިންމުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ނިމިފައި ހުރި ޕްރޮޖެކްޓުތަކުން ވެސް ރައްޔިތުންނަށް ހިދުމަތް ލިބެމުން ނުދާކަމަށާއި، އެގޮތުން އޭނާގެ ދާއިރާގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިމިފައި ހުރި ނަމަވެސް އެ ހިދުމަތް ނުލިބޭކަމަށެވެ.
ރައީސުލްޖުމްހުރިއްޔާ ގެންދަވަނީ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު 50،000 ރުފިޔާ ދީގެން މަޖިލިސް ކޮންޓްރޯލް ކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަށް ގާނޫނުތަކާއި، މުޅި ނިޒާމު ބަދަލުކުރަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

