ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބޭ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ދިވެހި ލިޔުންތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިތާބުގައެވެ.

ރައީސް ވިދާޅުވީ، އިންސާނާ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޮންނަ އެއްކަމަކީ އިޞްލާޙުކުރުމާއި ކަންކަން ރަނގަޅުކުރުން ކަމަށާއި، އެގޮތުން ކުރެވޭ މުހިންމު އެއް ކަމަކީ ލިޔުން ކަމަށެވެ. އަދި އިންސާނުންގެ ނަފުސުތަކާއި، މުޖުތަމަޢާއި، ޤައުމާއި ދުނިޔެ އިޞްލާޙުކުރުމަށްޓަކައި އެކި މައުޟޫޢުތަކުގައި ލިޔެ ޢިލްމު ފެތުރުމުގެ މަތިވެރި ޒިންމާ އަދާކުރާ ބަޔަކީ ލިޔުންތެރީންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހި ލިޔުންތެރިކަމުގެ ދުވަސް ފެށުމުގެ ތާރީޚަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި ދުވަސް ފާހަގަކުރެވެނީ ދިވެހިރާއްޖޭގައި ފުރަތަމަ މަޖައްލާއެއް ނެރުނީ 1933ވަނަ އަހަރުގެ ޖުލައި މަހުގެ 8ވަނަ ދުވަހު ކަމަށް ވާތީއެވެ. އެ މަޖައްލާގެ ނަމަކީ ”އަލްއިޞްލާޙު“ އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ލިޔުންތެރިކަމުގެ މި ބިންގަލުގެ މައްޗަށް ދިވެހި އިމާރާތް އުފުލުން އަބަދުވެސް އޮންނާނީ ކުރިޔަށް ކަމަށެވެ. އަދި މިއަދުގެ ދިވެހިރާއްޖެއަށް ބަލާއިރު، ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެފައިވާ ކަމަށާއި، ލިޔުންތެރީންގެ ދީނީ ޤައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދީނީގޮތުން ބަލާއިރު، ދިވެހީންގެ ޢަޤީދާއާއި އަދަބު އަޚްލާޤު ހަރުދަނާކުރުމުގައި ލިޔުންތެރީންގެ އެހީތެރިކަން މި ޤައުމަށް ބޭނުންވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އިޖުތިމާޢީ ގޮތުން ބަލާއިރު، ދޭދޭ ގުޅުންތަކާއި، މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމުގައި ލިޔުންތެރީންގެ އަމާނާތްތެރިކަން ބޭނުންވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިޤުތިޞާދީ ދާއިރާއަށް ބަލާއިރު، އާ ފުރުޞަތުތައް ތަޢާރަފުކުރުމާއި، ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަށް ލޯ ހުޅުވައި ދިނުމުގައި ލިޔުންތެރީންގެ ލިޔުންތައް މުހިންމުވާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، ސިޔާސީ ގޮތުން ބަލާއިރު، މި ޒަމާނުގައި ވެރިކަމަށް އަންނަނީ ލިޔެވޭ މެނިފެސްޓޯއެއްގެ އެހީގައި ކަމަށާއި، އެ މެނިފެސްޓޯ އެކުލަވައިލުމާއި، ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމާއި، ޤައުމީ އެކިއެކި މައްސަލަތަކާއި ޙާލަތްތައް ހެޔޮގޮތުގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ވިސްނައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެވޭނީ ލިޔުންތެރީންނަށްކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަ އެހެންމެ، ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ ޤައުމާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ހުރިހައި މާނައެއްގަައި މަޞްލަޙަތު ހިފެހެއްޓުމުގެ ޤައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރީންނަށްކަމަށް ރައީސް ވިދާޅުވިއެވެ.

ކުރުކޮށް ދަންނަވާ ނަމަ، ލިޔުންތެރީންގެ ދައުރެއް ނެތް، އެއްވެސް ދާއިރާއެއް ޤައުމެއްގެ ނިސްބަތުގައި ނޯވެއެވެ. އެހެންކަމުން ލިޔުންތެރީންނަކީ އަމިއްލަ ދީނާއި، އަމިއްލަ ޤައުމާއި، އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކުކަމުގައި ވާން ޖެހެއެވެ.

ރައީސް ވިދާޅުވީ ލިޔުންތެރިކަމަކީ އަމާނާތެއް ކަމަށާއި، ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭ ކަމަށެވެ. ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިވެހި ތާރީޚަށް ބަލާއިރު، ދިވެހިރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރީން ވަނީ ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. ދީނީ ޢިލްމުވެރީން ދީނީ ރޮނގުންނެވެ. އަދަބީ ޢިލްމުވެރީން އަދަބީ ރޮނގުންނެވެ. ތާރީޚު ޢިލްމުވެރީން ތާރީޚީ ރޮނގުންނެވެ. ނޫސްވެރީންނާއި ސިޔާސީ ބޭފުޅުން އެދެ ދާއިރާއިންނެވެ. އެހެންކަމުން، ދިވެހި ލިޔުންތެރިކަމުގެ ދާއިރާގައި އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އެންމެހައި ލިޔުންތެރީންނަށް މި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސް ވަނީ އަރިސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: