ސަންޕެންޑްކޮށްފައިވާ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު އެ މަޤާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި މައްސަލާގައި ފަޒީލް ސަސްޕެންޑުކޮށްފައިވަނީ 19 ޑިސެމްބަރ 2024 ގައެވެ. މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅި ފިޔަވަޅެއް ކަމަށް ވަނީ ބުނެފައެވެ. މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކޭ ކަމަށް ވަނީ ބުނެފައެވެ.
އޭނާ ސަސްޕެންޑު ކުރަން ކުންފުނީގެ ބޯޑުން ނިންމާފައި އޮތީ މުސާރަ ހިނގާ ގޮތަށެވެ. ޕެންޝަނާއި އިންކަމް ޓެކްސް އަށް ކެނޑުމަށް ފަހު ކޮންމެ މަހަކު ފަޒީލް އަށް 63،000ރ. ލިބިވަޑައިގަންނަވައެވެ. އެހެންވެ މިދިޔަ ހަ މަސް ދުވަސް ތެރޭ މުސާރައިގެ ގޮތުގައި އޭނައަށް 378،000ރ. ލިބިވަޑައިގެންނެވިއެވެ.
ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫނެވެ. އެކަމަކު އޭނާ އަށް ގޯތި ލިބި، ހަތަރު ފޫޓެއްހާ އުސްމިނަށް ހުރީ ވަށައިގެން ފާރު ވެސް ރާނައިފަ އެވެ.

