ރައްޔިތުންގެ މަޖިލީހުން ދައްކާ ޖަލްސާއަކީ މަޖިލީހުގެ މަސައްކަތްތަކުގެ 40 ޕަސެންޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ރިފާއު ވިދާޅުވީ 60 ޕަސެންޓަކީ ކޮމިޓީ ތަކުގެ މަސައްކަތްތައް ކަމަށެވެ. ރިފާއު ވިދާޅުވީ ކޮންމެ ދުވަހެއްގެވެސް ކޮމިޓީތަކުގައި ކުރާ މަސައްކަތަކުގެ ތަފްސީލަތް އަދި ކޮމިޓީތައް ލައިވްކޮށް މަޖިލީހުގެ ޕޭޖުން ފެންނަން ހުންނާނެ ކަމަށެވެ.
ރިފާއު ވިދާޅުވީ މަޖިލީހުގެ ފްލޯ ނިންމާލަން ޖެހޭ މުހިންމު ސަބަބަކީ ކޮމިޓީތައްދާ ގަޑީގައި މުހިންމު ބިލުތަކެއްގެ މަސައްކަތް ކުރިއަށްދާ ކަމަށްވާނަމަ އެ ކޮމިޓީތަކުގައި ދައްކާ ވާހަކަ އަނެއް މެމްބަރަށްވެސް އަޑުއަހާނެ ފުރުސަތު ނުލިބޭތީ ކަމަށެވެ. މެމްބަރު ވިދާޅުވީ ހުރިހާ ބިލަކަށްވެސް ބަހުސް ކުރެވޭ ކަމަށާއި އަދި އެފުރުސަތުވެސް ދޭ ކަމަށެވެ.
”މި ދައުރުގެ ތެރޭގައިވެސް ބިލުތަކެއް ފާސްކުރެވިފައި ހުންނާނެ. އިސްލާހުތަކެއްވެސް ފާސްކުރެވިފައި ހުންނާނެެ. އެވަގުތަކު ރައްޔިތުންގެ މަޖިލީހަށް އަންނަ މަސައްކަތްތަކެއް މަޖިލީހުން ކުރަމުން ގެންދާނި. ރައްޔިތުންގެ މަޖިލީހަކީ އިސްވެ ބިލުތައް ހަދައިގެން ގެންދާ ގޮތަކަށް ނޫން މިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބިނާވެފައި އޮންނަނީ. ހަމައެއާއިއެކީގައި އެ އަންނަ ކުއްލި މައްސަލަތަކަކީވެސް، އަދި އިދިކޮޅުން ލީ ކަމުގައި ވިޔަސް، އެ މައްސަލައަކީ ގައުމަށް ރައްޔިތުންނަށް މުހިންމު ކަމެއްކަމުގައި ދެކިއްޖެ ކަމުގައިވާނަމަ އެއެއްޗެއްވެސް ހަމަ އޮންނާނީ ބަހުސްއާއި ހަމައަށް ގެންގޮސްފައި“
މީގެއިތުރަށް ކައުންސިލްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ހަގީގަތުގައި ރާއްޖޭގައި އަތޮޅުކައުންސިލްތަކެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އަތޮޅު ނިޒާމެއް ނުހިންގާ ކަމަށް މެމްބަރު ވިދާޅުވިއެވެ. ރިފާއު ވިދާޅުވީ މިހާރު ހިންގަނީ ރަށު ނިޒާމެއް ކަމަށާއި، އެރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެރަށަކަށް ބަޖެޓު ދެނީވެސް އެ ސަބަބަށްޓަކައި ކަމަށެވެ.
ރިފާއު ވިދާޅުވީ އަތޮޅުކައުންސިލްތަކުން މުހިންމު މަސައްކަތްތަކެއް ކުރާ މަންޒަރު ނުފެންނަ ކަމަށެވެ. އެރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އެރަށެއްގެ ކައުންސިލުން ކަމަށް ރިފާއު ވިދާޅުވިއެވެ.

