މާފަރު އެއަރޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ބަދަލުވެގެން ދިއުމަކީ ރާއްޖޭގެ އިގްތިސޯދަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މާފަރު އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ސައީދު ވިދާޅުވީ ނޫނު އަތޮޅަށް، އަދި ޚާއްސަކޮށް މާފަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން މިއަދު ލިބިގެން ދިޔަ ކަމަށެވެ. އަތޮޅުގެ ހުރިހާ ރިސޯޓްތަކަށާ އަދި ގެސްޓް ހައުސް ހިންގަވާ ފަރާތްތަކަށާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް މިއީ ލިބެގެންދާ ވަރަށް ބޮޑު އުފަލެއް އަދި ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިއަތޮޅުގައި ހިނގަމުންދާ ގާތްގަނޑަކަށް 2500 އެއްހާ އެނދަކީ އެންމެ މަތީ ފަންތީގެ މުއްސަނދިންނަށް ހާއްސަކޮށްފައި ހުރި ރިސޯޓުތައް ކަމަށެވެ. އަދި މެދުފަންތީގެ ބައެއް ރިސޯޓުތައްވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދުނިޔޭގެ ފެންވަރު ރަނގަޅު އެކިއެކި އެއަރކްރާފްޓްތަކަށް އެ އެއާޕޯޓަށްއައިސް ލޭންޑް ކުރެވޭނެކަން ޔަގީންވަގެންދިޔައީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވަޒީރު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ގައުމުގެ އިޤްޞާތިދު އޮތީ ފަސޭހަ ހިސާބެއްގައި ނޫންކަމަށެވެ.
ގޮންޖެހުންތައް ބޮޑު އެ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިސްކުރެއްވީ ކެތްތެރިކަމާއި، ހިކުމަތްތެރިކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ އިސްވެރިންނާއި ފަރާތްތަކާއެކުގައި ކެތްތެރިކަމާއިއެކު މަސައްކަތް ކުރެއްވިކަންވެސް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

