މި ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނައިކަމުގައިވީނަމަވެސް އެކަން ކުރާނީ ކައުންސިލު އިންތިޚާބަށްވެސް ކެމްޕޭނު ކުރެވޭނެހާ ވަގުތު އޮއްވައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މަމްދޫހު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށާއި، އޭރު ރާއްޖޭގެ އިޤްތިސާދީ ޙާލަތު އޮތް ގޮތް ރައްޔިތުންނަށްވެސް ނުހަނު ސާފު ކަމަށެވެ. އަދި ވިދާޅުވީ، އޭރު ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުނީ މުޅި ސަރުކާރުން ކުރި ގިނަ މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ.
އޭރު ރާއްޖެ ބަނގުރޫޓު ވިޔަ ނުދީ ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި މުޅި ސަރުކާރު އެއްކޮށް މަސައްކަތްތަކެއް ކުރަން ޖެހުނު
މަމްދޫޙު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުރަންޖެހުނު މަސައްކަތަކީ އިޤްތިސާދީ ގޮތުން ޤައުމުގެ މިސްރާބު ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށާއި، އެހެނިހެން މަސައްކަތްތައް ކުރެވޭވަރަށް ޖާގަ ހުޅުވުމާއެކު ސަރުކާރުން މިހާރު އެކަންކަންވެސް ފަށައިގެންފައިވާ ކަމަށެވެ. އެގޮތުން މިހާރު މަޑުމަޑުން ރަށްރަށުގެ މަޝްރޫއުތައްވެސް ހިނގަމުންދާ ކަމަށް މަމްދޫޙު ވިދާޅުވިއެވެ.
ސަރުކާރުން އޭރު މަސައްކަތްކުރީ އިޤްތިސާދީ ގޮތުން ޖާގަ ހުޅުވުމަށްޓަކައި
މަމްދޫޙު އިތުރަށް ވިދާޅުވީ، ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމުގެ ހިންގުމަށްވެސް ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި، ރައްޔިތުންގެ ހަގީގީ ބާރު އޮންނާނެ ގޮތަކަށް މި ނިޒާމު ބައްޓަން ކުރަން ޖެހިފައިވާ ކަމަށެވެ. މަޖިލީހުން މިހާރު ގެންނަން މަސައްކަތް ކުރާ އިސްލާޙުތަކަކީވެސް އެ ލަނޑުދަނޑިތައް ޙާސިލު ކުރެވޭނެ މަގު ފަހިކުރުމަށް ގެނައުމަށް ވިސްނަމުންދާ އިސްލާޙުތަކެއްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުން އަދި މަޖިލީހުން ގެންނަ ބަދަލުތައްވެސް ގެންނާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށާއި، އެފަދައިން އަންނަ ބަދަލުތަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރައްވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ކައުންސިލު އިންތިޚާބަށްވެސް ކެމްޕޭނު ކުރެވޭނެހާ ވަގުތު އޮއްވައި މި ބަދަލުތައް ގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްތަކަށް ތަރައްގީއާއި ހެޔޮ ބަދަލު ގެންނާނެކަމަށް ވައުދުވެ ވުޖޫދު ކުރި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވެ ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތުމުން ގާނޫނަށް އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދާދި ފަހުން ވަނީ ޤަރާރެއްވެސް ހުށަހެޅިފައެވެ.
މި ގަރާރު ހުށަހަޅާފައި ވަނީ ލާމަރުކަޒީ ގާނޫނަށް 15 އަހަރު ފުރުނުއިރު އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށެވެ.

