ޤަބުރުސްތާނު ކޮނެގެން ކަށިތައް ނަގާ އެހެންތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ޙުރުމަތް ކެނޑޭ ކަމެއްކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.
އިސްލާމްދީނުގައި މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުމާ ގުޅޭގޮތުން ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ، މިއީ އެތަކެއް ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމެއް ކަމަށެވެ. އަދި ޤުރުއާނުގެ ބައެއް އާޔަތްތަކާ ހަވާލާދީ އެ ފަތުވާގައި ބުނެފައިވަނީ، އިސްލާމްދީނުގައި އާދަމްގެފާނުގެ ދަރީން، މާތްﷲ އުފެއްދެވި ގިނަ މަޚްލޫޤުތަކުގެ މައްޗަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ކަމަށެވެ.
މުސްލިމުންގެ ޙުރުމަތް މަރުވުމަށްފަހުވެސް ދެމިގެންވޭ
ފަތުވާ މަޖިލީހުން ފާހަގަކޮށްފައިވާ ގޮތުގައި މުސްލިމުންނަށް ލިބިގެންވާ މަތިވެރިކަމަކީ ހަމައެކަނި ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫނެވެ. އަދި މަރުވުމަށްފަހުވެސް އެ އިޙްތިރާމް ދެމިއޮންނަކަން ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން އެނގޭކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މާލޭގެ ސަހަރާތަކުގައި ޕާކު ހެދުމުގެ މަސައްކަތް
ފަތުވާ މަޖިލީހުން މިފަދަ ފަތުވާއެއް ނެރުނު ނަމަވެސް، މާލޭ ސިޓީ ކައުންސިލުން ވަނީ މާފަންނު ސަހަރާ ކޮނެ ގަބުރުތައް ހުސްކޮށް، ”މާފަންނު މައިޒާން“ ގެ ނަމުގައި ޕާކެއް ހެދުމުގެ މަސައްކަތް ފަށާފައެވެ. މި ޕާކުގައި ޕާކިން ޖާގައާއި 3 އޮން 3 ބާސްކެޓް ކޯޓެއް ހިމެނޭނެ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މި މަސައްކަތާ ގުޅިގެން ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްޞަކޮށް ނޮވެމްބަރު 3، 1988 ގެ ޓެރަރިސްޓް ހަމަލާގައި ޝަހީދުވި އާންމުންގެ ބައެއް މީހުންގެ މަހާނަތައް އެތަނުގައި ހުރުމާ ގުޅިގެން ތާރީޚީ ދިރާސާކުރާ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ހެންވޭރު އަދި ގަލޮޅު ސަހަރާއިން ވެސް ބައެއް ހުސްކޮށް ޕާކިން ޒޯނާއި މައިޒާން ހަދާފައިވާކަން ފާހަގަކުރެވެއެވެ.

