ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާ އުފުލި މީހުންގެ ތެރެއިން ދައުވާ ސާބިތުނުވި ދެ މީހެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި ދައުލަތުން އެދިފައިވަނީ މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ބައިގައި ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދެއްވުމަށެވެ.
މީގެ އިތުރުން، ދައުލަތުން ކޮށްފައިވާ އިސްތިއުނާފުގައި އެމީހުންގެ މައްޗަށް ދަށު ކޯޓުގެ ފާހަގަ ކުރެވުނު ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވައި އަދަބު ކަނޑައަޅުއްވައިދެއްވުމަށް އެދިފައިވެއެވެ.
އެކަމާ ގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުންވެސް ވަނީ ވާހަކަ ދައްކާފައެވެ. އަދި މި މައްސަލައިގައި ދަށު ކޯޓުގެ ނިންމުމާ ގުޅިގެން ދައުލަތުން އެދިފައިވާ ގޮތަށް ގޮތް ކަނޑައެޅުމުގެ ޖާގައެއް ނެތްކަމަށް ޤަބޫލު ކުރައްވާކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގައި ހާޒިރު ކުރުމަށް އެދިފައިވާ ހެކިވެރިޔާ ހާޒިރު ކުރުމަށް ނުނިންމާނަމަ އަދި މި މައްސަލައާ ގުޅިގެން އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުން ކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މި މައްސަލައިގައި ކުށް ސާބިތުވި މީހުންނަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް އެ މީހުން 4 އަހަރާއި 8 މަހާއި 11 ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު 25 އަހަރުން ކެނޑުމުން އެމީހުން ތަންފީޒު ކުރަންޖެހޭ ޖަލު ޙުކުމުގެ އަދަބަކީ 20 އަހަރާއި، 3 މަހާއި 19 ދުވަސްކަމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

