މަދަނީ ޖަމްއިއްޔާތަކުން ރާއްޖޭގެ މުޖްތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ޖަމްއިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ”ސިވިލް ސޮސައިޓީ އެވޯޑް“ އަށް ކުރިމަތިލުމުގެ މުއްދަތު 17 ޖުލައި ބުރާސްފަތި ދުވަހުގެ 13:00 އަށް އިތުރުކޮށްފިއެވެ.
މި އިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތިން، ތަފާތު ގޮތްގޮތުން މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތްކުރާ ނަމޫނާ ޖަމްއިއްޔާތަކަށް ދެވޭ އިނާމެކެވެ. މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެއެވެ.
އިނާމަށް ކުރިމަތިލެވޭ ދާއިރާތައް
މި އިނާމަށް ޖުމްލަ 9 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި އަންހެނުން، ކުޑަކުދިން އަދި ޒުވާނުން ބާރުވެރިކުރުވުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުން، ތަޢުލީމާއި ދިގު މުއްދަތުގެ ދަސްވެނިކަން، އިގްތިސާދީ ބާރުވެރިކަން، މަސްތުވާތަކެތި ހުއްޓުވުމާއި މުޖުތަމަޢުގެ ރައްކާތެރިކަން، ސަގާފަތާއި ބަހާއި ތަރިކަ ހިމާޔަތްކުރުން، ފަންނުވެރިކަމާއި އައިސީޓީ، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތައް، އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުން ހިމެނެއެވެ.
މަދަނީ ޖަމްއިއްޔާތަކުގެ އިނާމަށް ކުރިމަތިލުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމް މިނިސްޓްރީ އޮފް ޔޫތުގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑަކާއި ސެޓްފިކެޓެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

