ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޢާންމުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއިއެކު ފަންނީ އެހީތެރިކަން ދިނުމާބެހޭ ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު އިންޓަރނެޓުން ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހޭކަމަށެވެ. މިކަން ކުރުމަށް މަތިކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
މިހާރު މި މަޢުލޫމާތު ޝާއިޢުކުރަމުން ގެންދަނީ، މިނިސްޓްރީއާ ގުޅިގެން ޕީޖީ އޮފީހުގެ “އާމަހި” ވެބްސައިޓުގައި ކަމަށް ވަނީ މައުލޫމާތު ދީފައެވެ. ސޮއިކުރެވުނު ފަހުމްނާމާގެ ދަށުން މިނިސްޓްރީން މި މަޢުލޫމާތު ހޯސްޓުކޮށް، އަޕްޑޭޓްކުރެވޭގޮތަށް ޕޯޓަލް ތަރައްޤީކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.
މި މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ޝާއިޢުކުރެވޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި މިކަމާބެހޭ ފަހުމްނާމާގައި ޕީޖީން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު މުޙައްމަދެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލް ޢަލީއެވެ.

