ހުޅުމާލޭ 1 ގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށް އެ ހިދުމަތުން ބުނެފިއެވެ.
ސިފައިން ބުނެފައިވަނީ އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 18:48 ގައި ކަމަށެވެ. މި ކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހާދިާގެ ސަބަބުން އެ ސަރަހއްދުގައި ދުން ބޯވެ ފެތުރެމުން ދާތީ ދިރިފެންނަ މަންޒަރު ދަށްވެފައި ވާ ކަމަށެވެ.
މިހާދިސާގެ ސަބަބުން ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން ޒަރޫރީ ބޭނުންތަކަށް މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ދާ މީހުންވެސް މަގު ބޭނުން ކުރުމުގައި ސަމާލުވާން ފުލުހުން ވަނީ އަންގާފައެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ އެންމެންވެސް ގޭގެ ދޮރުތައް ލައްޕާ ބޭފަށް ނުކުންނައިރު މާސްކު އެޅުންފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިސްތިމާޒް ކުރައްވާފައެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އެ ކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ސަރަހައްދުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ ސަރަހައްދުގައި މަސައްކަތްކުރާ އެންމެނވެސް ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

