ގިނަ އަދަދެއްގެ މުދަލާއިއެކު ދަތުރުކުރަމުން ދަނިކޮށް ވ. އަތޮޅު ކައިރިން އޯޝަން އެކްސްޕްރެސް ބޯޓު ވަރަށް ބޮޑަށް ދިޔަވެ އަޑިއަށް ދާން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި ވަރަށް ބޮޑަށް ބޯޓު ދިޔަވަމުން އަންނަ މަންޒަރު ފެނެއެވެ. އެ ބޯޓުގައި ފަޅުވެރިންނާއިއެކު 12 ވަރަކަށް މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ.
އެބޯޓުގައި ގިނަ އަދަދެއްގައި ލަކުޑިއާއި އެ ނޫންވެސް މުދާ ހުރި ކަމަށާއި ބޯޓުގެ ފަލަތުކޮޅުގައި ހުރި ގިނަ އަދަދެއްގެ މުދާ ފެނުއަޑީގައި ހުރި ކަމަށް މީޑިއާތަކުގައިވެސް ރިޕޯޓުކޮށްފައި ވެއެވެ.
ވީޑިއޯތަކުން ފެންނަގޮތުގައި އެ ބޯޓަށް ވަރަށް ބޮޑަށް ރާޅު އަރާ މަންޒަރު ފެނެއެވެ. ކަމާގުޅުންހުރި މުވައްސަސާތަކުން ދަނީ އެ ބޯޓު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރަމުންނެވެ.

