ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކާއި ޙިއްސާކުރި މެސެޖުގައި ބުނެފައިވަނީ ރޭ ހުޅުމާލޭގައި ހިނގި އަލިފާނުގެ ޙާދިޞާ ކޮންޓްރޯލް ކުރުމުގެ ތެރޭގައި އުޅުނު ހުޅުމާލެ ސްޓޭޝަންގައި މަސައްކަތް ކުރާ ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަކަމަށެވެ. އަދި މިހާރު އެ ތިން ސިފައިންގެ ޙާލު ރަނގަޅު ވަމުން އަންނަކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.
ހުޅުމާލޭ 1 ގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ރޭގައި ވަނީ ހަރަކާތްތެރިވެފައެވެ. އެ ޙާދިޞާ ހިނގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 18:48 ގައެވެ. ރޯވެފައި ވަނީ އެ ގުދަނުގެ 4 ވަނަ ފަންގިފިލާގައެވެ. އެންސިސް ގުދަނުގައި ރޯވި އަލިފާނުގެ ޙާދިޞާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއްނުވެއެވެ. އަދި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރުމަށް ގާތްގަނޑަކަށް ހަ ގަޑިއިރު ހޭދަވިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅޭ މީހުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕަވައި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ފުލުހުން ރޭ ވަނީ އިލްތިމާސްކޮށްފައެވެ.
މި ޙާދިޞާ ހިނގި ސަރަހައްދު ބައްލަވައިލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޣިޔާސް އެ ސަރަހައްދުގައި ރޭގައި ހަރަކާތްތެރިވެ ވަޑައިގެންފައިވެއެވެ.

