އިދާރީ ބައެއް މަސައްކަތްތައް ނިންމައި އަމާޒަކީ އަންނަ ހަފްތާގެ ތެރޭގައި 4000 ފްލެޓު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރަން ފެށުންކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމުގައި ޖުލައި މަހުން ފެށިގެން ސޮއި ކުރަން ފަށާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އަދި ދާދިފަހުން އެ މަސައްކަތްތައް ކުރިޔަށް ދާގޮތް ބެއްލެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފްލެޓުތަކަށް ވެސް ޒިޔާރަތް ކުރައްވާފައި ވެއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ތައްޔާރުފައިވާކަން ހާމަކުރައްވައި ”އަހާ“ ފޯރަަމްގައި މުއްތަލިބު ވިދާޅުވީ މިހާރު ކުރިޔަށް ދަނީ އިދާރީ ގޮތުން ނިންމަން ޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްގެ މަސައްކަތްތައް ވެސް ކުރަމުން ގެންދާކަމަށް ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ފްލެޓުތައް ނިމޭ ވަރަކުން، އެއްބަސްވުންތައް ހަދައި އެތަންތަން އާންމުންނާއި ހަވާލު ކުރުމަށް ކަމަށެވެ.
ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމައި، ދެން ކުރިޔަށް ގެންދާނީ މުއްތަލިބު ވިދާޅުވި ގޮތުގައި ފެނާއި ކަރަންޓުގެ ހިދުމަތް ގުޅުމެވެ.
އަޅުގަނޑު ދަންނަވާފައި ވާނެ ޖުލައި މަހުން ފެށިގެން އަންނައިރު އެގްރިމަންޓު ސހަމައަށް ދެވޭނެކަމަށް.. ދެން މިހާރު ހަގީގަތުގައި ލިސްޓުގައި ތިބި ފަރާތްތައް، ބައެއް ކަހަލަ ވެރިފިކޭޝަންތައ އެއީ އުސޫލުގައި ބަޔާންކޮށްފައި ހުރި ކަންތައްތައް.. އެއީ ސައްހަ އެއްޗެއްތޯ ނުވަތަ ނޫންތޯ ބެލުމަށް.. އެ މަސައްކަތް އަޅުގަނޑުމެން ބަލަމުން މިގެންދަނީ ނިމިފައި ހުރި ފްލެޓުތަކަށް އެ ޓަވަރުތަކަށް ހާއްސަކޮށް އެ ފަރާތްތަކަށް އިސްކަން ދީގެން..
މުއްތަލިބު ވިދާޅުވީ ގިނަ ކަންކަން ފައިނަލް ކުރެވިފައިވާއިރު، މިހާރު ކުރަމުން ދަނީ ބައެއް އިދާރީ މަސައްކަތްތައްކަމަށެވެ. އެގޮތުން ބަންޑާރަ ނައިބުގެ އޮފީހަށް އެގްރިމަންޓު ފޮނުވައި ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ 4000 މީހުންނާއި އެކު ފްލެޓުތަކުގެ އެއްބަސްވުން އެކުވަލާލުމަކީ ވަރަށް ބޮޑު މަސައްކަތެއްކަމަށާއި، އެ އެންމެން އެތަނަކަށް އެއްވެ ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ދާނެގޮތް ވެސް އިންތިޒާމު ކުރެވެން ޖެހޭކަމަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި އަމާޒަކީ ހުރިހާ މަސައްކަތެއް ނިންމައި އަންނަ ހަފްތާގެ ތެރޭގައި އެގްރިމަންޓުތަކުގައި ސޮއި ކުރަން ފެށޭވަރުވުމެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މަސައްކަތް ކޮންޓްރެކްޓުކޮށްފައި އޮތް ގޮތުން ފެނާއި ކަރަންޓުގެ ހިދުމަތް އޮތީ ވަކިން ގުޅައިދޭ ގޮތަށް ކަމަށެވެ. އެހެންކަމުން ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއާއި އެ މަސައްކަތައް ހަވާލު ކުރެވި އެ ކުންފުނިތަކުން ވެސް ފްލެޓުތަކުގައި ކުރަން ޖެހޭ މަސައްކަތައް ކުރަމުން ގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ މަސައްކަތްތައް ނިމުމާއި ގާތްވެފައިވީ ނަމަވެސް ފިނިޝިންގެ މަސައްކަތް ކުރިޔަށް ދާ ނުވަަ ނިމިފައި ހުރި އެއްވެސް ފްލެޓެއް ނެތްކަމަށެވެ.

