ވަޒީފާ ނުލިބޭ މައްސަލަ ހައްލުކުރުމަށް 1100 ކުދިންނަށް ޕްރޮގްރާމްތައް ހިންގިއްޖެ ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ އޮތް މިންވަރާއި އަދި މިނިސްޓްރީން އެކަން ހައްލު ކުރުމަަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ”އަހާ“ ފޯރަމްގައި މިނިސްޓަރ ވިދާޅުވީ މެންޑޭޓެއް ވަކިން ކަނޑައެޅި ޔޫތް މިނިސްޓްރީ އުފެއްދިގެން އަައީ އަލަށް ކަމަށެވެ.
ވަޒީފާގެ ފުރުސަތަށް ހުޅުވާލުމުން އެންމެ ބޮޑަށް ދެކެވެނީ މިނިސްޓަރ ވިދާޅުވި ގޮތުގައި ވަކި ބަޔަކަށް ފުރުސަތައް ދެމުން ގެންދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ ސުވާލު އުފައްދަނީ ވަޒީފާތައް ނުލިބޭތީ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ސަރުކާރުންނާއި މިނިސްޓްރީން ގިނަ ފިޔަވަޅުތައް އާޅާފައިވާނެކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ އަސްވާޑް ވިދާޅުވީ ޒުވާނުން ވަޒީފާއަށް ނެރުމަށްޓަކައި ޕްރައިވެޓް ކުންފުނިތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި ސަރުކާރުގެ ވުޒާރާތަކުން، ވަޒީފާއަށް ޒުވާނުން ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.
މިނިސްޓްރީން ކުރާ މައިގަނޑު މަސައްކަތަކީ ވަޒީފާއަށް ޒުވާނުން ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް އަސްވާޑް ވިދާޅުވިއެވެ. އެގޮތުން ނެޝަނަލް އެޕްރެޓިސްޝިޕް ޕްރޮގްރާމް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
”އެ ގެޕް އަޅުގަނޑުމެން މި ފިލް ކުރަނީ. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ. ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަޅުގަނޑުމެންނަށް މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ހިންގިއްޖެ. 657 ކުދިންނަށް. އޭގެ މާނައަކީ މި ދެއަހަރުގެ ތެރޭގައި ކޮންމެ ދުވަހަކަށް ކުއްޖެއް ނެރެވިއްޖެ. އެކުދިން ތިބޭނީ ވަޒީފާގަ މިހާރު. އޭގެ މާނައެއް ނޫން ސަރުކާރު ވަޒީފާގައޭ. މިސާލަކަށް އިއްޔެގައި އަޅުގަނޑުމެން މި ފެށީ މެރިއޮޓް އިންޓަރނޭޝަނަލް އާއިއެކު. އިއްޔެ ހަވީރުގައި. އަޅުގަނޑުމެންގެ މިނިސްޓްރީގެ ޓީމަކާއި އެބޭފުޅުންގެ ރިސޯޓް އެއްބަސްވުމުގައި ސޮއިކޮށްގެން ކުރިއަށް މި ގެންދަނީ. އޭގެ ދެ ބެޗު މިހާރު ނިމިއްޖެ. އެކުދިން ތިބޭނެ މިހާރު މިހާރު މެރިއޮޓްގެ ރިސޯޓުތަކުގައި“
އަސްވާޑް ވިދާޅުވީ ޖުމްލަ އަދަދަށް ބަލާއިރު ނެޕްގެ 657 އުޅޭނެ ކަމަށެވެ. އަދި ޕްރޮގްރާމް ނިމިގެންދާއިރު ރަނގަޅު ކުދިންނަށް މަސައްކަތުގެ ތެރެއިން ވަޒީފާ ލިބިގެންދާކަމަށް ވިދާޅުވިއެވެ.
އަސްވާޑް ވިދާޅުވީ ދެން އޮންނަނީ ކޮމިއުނިޓީ އަޕްސްކިލިންގ ކަމަށާއި އެއީ ވަޒީފާއެއް ބޭނުން އެހެން ނަމަވެސް ޝަރުތު އެ މިންވަރަށް ނުހުންނަ ކުދިން ކަމަށެވެ.
އަސްވާޑު ވިދާޅުވީ އެކުދިންނަށް ޔޫތު މިނިސްޓްރީން ސެޓްފިކެޓް ލެވެލް 3 ގެ އެކްރެޑިޓް ކޮށްފައިވާ ޕްރޮގްރާމްތަކެއް ހިންގާ ކަމަށެވެ. އަދި ފާސްވާ ކުދިން ކުރިން ކޮލިފައި ނުވާ ވަޒީފާތަކަށް ކޮލިފައި ވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން 420 ޒުވާނުންނަށް އެ ޕްރޮގްރާމް ހިންގާފައިވާ ކަމަށް ވިދާޅުވިއެވެ. އަސްވާޑް ވިދާޅުވީ ވަޒީފާއަށް ހާއްސަކުރެވިގެން 1100 އަށްވުރެ ގިނަ ކުދިންނަށް ޕްރޮގްރާމްތައް ހިންގިފައިވާ ކަމަށެވެ.
މީގެއިތުރަށް އަސްވާޑް ވިދާޅުވީ މިއީ ވަޒީފާއަށް ނެރުމަށް ކުރާ މަސައްކަތްތައް ކަމަށާއި، މި މަސައްކަތްކޮށް ނިމުމާއިއެކު ވަޒީފާއަށް އެދި ހުށަހެޅޭނެ ކަމަށާއި އަދި ސަރުކާރާއި، އަމިއްލަ ކުންފުނިތަކަށް ވަޒީފާއަށް ލެވޭނެ ކަމަށެވެ.

