އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމްކޮށް، ފިކުރީ މުދަލުން ވައްކަން ކުރުން ހުއްޓުވުމަށް ހުށައަޅާފައިވާ ބިލުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ފައިދާތަކަކާއި ކުރިއެރުންތަކެއް ލިބޭނެކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު މިހެން ވިދާޅުވީ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާ ދެއްކެވި ވާހަކައިގައެވެ. މި ބިލުގެ ސަބަބުން ރާއްޖޭގެ ޒުވާނުންނަށާއި، އުފެންދުންތެރިންނަށް މީގެ ކުރިން ލިބިފައިނުވާ އެތައް ހައްގުތަކެއް ކަށަވަރުވެގެންދާނެކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، ދިވެހިންގެ ފިކުރީ މުދާ ބަލަހައްޓާ ރައްކާތެރިކުރެވޭނެ ނިޒާމެއް ގާއިމްކޮށް، މި މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރުދޭން ޖެހޭކަމަށެވެ.
މި ބިލުގެ މަގްސަދަކީ އިގްތިސާދީ ގޮތުގައި އިތުރު ފުރުސަތުތައް ފަހިކޮށްދިނުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބިލު ހުށައެޅުމުގެ މައިގަނޑު މަގްސަދަކީ ފިކުރީ މުދާ ހިމާޔަތްކުރާނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް، އެ ނިޒާމަށް ފާރަވެރިވާނެ، ޒިންމާދާރުވާނެ ފަރާތެއް ކަނޑައަޅާ އޮފީހެއްގެ ނަމުގައި އެކަން އުފެއްދުން.
ހަމީދު ވިދާޅުވިއެވެ.
ފިކުރީ މުދާ އުފައްދާ އެތައް ބަޔަކު ރާއްޖޭގައި ތިބި ނަމަވެސް، ގާނޫނީ ރައްކާތެރިކަން ނޫނީ ބެލެނިވެރިކަމެއް އެ ފަރާތްތަކަށް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަދަ ހުރިހާކަމަކަށް ފާރަވެރިވާނެ އޮފީހެއް ގާއިމްކުރުން ވާނީ ފިކުރީ މަސައްކަތަށް ލިބޭ ކުރިއެރުމެއްކަމަށެވެ.
ހަމީދު ވިދާޅުވީ މި އޮފީހުގެ ސަބަބުން ފިކުރީ މުދަލުގެ ވައްކަމުގެ ބިރު ނެތިގެންދާނެކަމަށެވެ. އިގްތިސާދެއް ބިނާކުރުމަށް މި ބިލު މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. މި އޮފީސް ހިންގުމަށްޓަކައި މީހަކު އައްޔަނުކުރުމަށް ބިލުގައި ހިމަނާފައިވާނެކަމަށާއި، އެއާއިއެކު މިހުރިހާކަމަކީ އެ ފަރާތުގެ ޒިންމާއެއްކަމަށް ފާހަގަކޮށް ހަމީދު ވިދާޅުވީ މީގެ ކުރީގައި މިފަދަ ކަންކަމުގެ ހައްގު ހޯދަން ދާނެ ވަކި ފަރާތެއް ނުހުންނަކަމަށެވެ.

