ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ އެމްއެމްޕީއާރުސީއަށް ހަތަރު އަހަރު ފަހުން ޖުމްލަ 27.5 މިލިއަން ރުފިޔާގެ ފައިދާވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
މިދިޔަ އަހަރުގެ މާލީ އަހަރު އެމްއެމްޕީއާރުސީން 27.5 މިލިއަން ރުފިޔާގެ ފައިދާއެއް ރެކޯޑްކޮށްފައި ވާއިރު، މިއީ ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި އެ ކޯޕަރޭޝަނަށް ފައިދާވި ފުރަތަމަ އަހަރެވެ. އޭގެ ކުރީ އަހަރު އެމްއެމްޕީއާރުސީން ވަނީ 18 މިލިއަން ރުފިޔާގެ ގެއްލުމެއް ރިޕޯޓުކޮށްފައެވެ. މި ބަދަލުން ދައްކުވައިދެނީ ކޯޕަރޭޝަން ހިންގާ ގޮތަށް ބޮޑު ބަދަލެއް ގެނެސްފައިވާކަން ކަމަށް އެމްއެމްޕީއާރުސީން ބުނެފައެވެ.
އެ ކުންފުނިން ބުނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި މާލީ ހާލަތު ރަނގަޅުކުރުމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. މިގޮތުން ރިކަރެންޓް އޮޕަރޭޝަނަލް ޚަރަދުތައް 10 ޕަސެންޓް މަދުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެ ފިޔަވަޅުތަކުގެ ތެރެއިން، ހުރިހާ ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއް ހަދައި، ކުރިން އޮތް 21 އިދާރާ ހަ އިދާރާއަށް މަދުކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
އޭގެ ސަބަބުން ކޯޕަރޭޝަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްވި ކަމަށާއި އަދި ކުރިން ޖުމްލަ މާކެޓިން ބަޖެޓުގެ 80 ޕަސެންޓާ ގާތްކުރާ އަދަދަކަށް ބޭނުންކުރި ބައިނަލްއަގްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ކޯޕަރޭޝަނުން ގެންގުޅުނު އުސޫލު މިހާރު އިސްލާހުކޮށްފައިވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނީ އެ އިސްލާހާއެކު، ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ކުރާ ޚަރަދު މާކެޓިން ބަޖެޓުގެ 34 ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށެވެ. އަދި ބޮޑު އިވެންޓުތަކުން އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ ސަލާމަތްކޮށްފައިވީ ނަމަވެސް، ސިނާއަތުގެ ބައިވެރިވުން އިތުރުކޮށް، ފީޑްބެކްތަކެއް ރަނގަޅުކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.
ޑެސްޓިނޭޝަން މާކެޓިންގެ ރޮނގުން އެމްއެމްޕީއާރުސީން މިހާރު ދަނީ 21 އަށް ވުރެ ގިނަ ގްލޯބަލް ކެމްޕޭން ހިންގަމުންނެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ކޯ އިންވެސްޓްމަންޓް މާކެޓިން ޕާޓްނަޝިޕްތަކެއް ވެސް ކޯޕަރޭޝަނުން ފަށާފައިވާއިރު، ޖުމްލަ އަގު 10 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

