ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއޭއައި)ގެ އައު ފައިންޖަރ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތައް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުއްވަން ނިންމަވާފައިވާކަމަށް މޯލްޑިވްސް އެއަޕޯޓަސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
”ސަންގަށް“ މައުލޫމާތު ދެއްވަމުން އެމްއޭސީއެލްއިން ބުނީ ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ޓާމިނަލް ހުޅުވުމަށް އޮތް ދުވަހު ދައުވަތު އަރުއްވާނެ ކަމަށެވެ.
ކުރީގެ ރައީސުންގެ އިތުރުން އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މިހާތަނަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ވިޔަފާރިވެރިންނަށް ވެސް ދައުވަތު ދެއްވާނެ ކަމަށް ވެސް ވެއެވެ.
އެގޮތުން ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސް އަބްދުﷲ ޔާމީނާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މި ދައުވަތު އެރުވިގެންދާނެއެވެ. މި ޓާމިނަލްގެ މަސައްކަތް ފެށިފައިވަނީ ރައީސް ޔާމިންގެ ދައުރުން ފެށިގެންނެވެ. އެއަށް ފަހު ރައީސް ސޯލިހްގެ ދައުރުގައި މި މަޝްރޫއުގެ 54 އިންސައްތަ އޮތީ ނިންމާފައެވެ. އަދި ރައީސް ވަނީ އެކަން މިއަދުގެ ޕޮޑްކާސްޓުގައިވެސް ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ އާ ޓާމިނަލްގެ މަސައްކަތް ނިންމައި، އެ ތަން ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން މިހާރު ވަނީ ފަށައިފައެވެ. މި ޓާމިނަލް ހުޅުވުމަށް ނިންމާފައިވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބާގައެވެ. ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސައި ދީފަ އެވެ. އެއާއެކު އެ ޕްރޮޖެކްޓަށް ޖުމްލަ، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވި އެވެ.

