ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރުތައް އެބިއުސް ކުރުން؛ މަޖިލީހުގެ ނުފޫޒުތަކާއި މެދު ވެސް ގޮތެއް ނިންމަން ޖެހޭ!

20 ވަނަ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެތައް ދުވަހެއްގެ ސިޔާސީ ހަލަބޮލިކަމަށް ފަހު، ކޮންމެ ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހަމަނުޖެހުންތައް ބޮޑުވެ އެވެ. ވެރިކަމެއް ބަދަލުވެ، އެހެން އައު ސަރުކާރެއް އުފެދިދާނެކަމަށް ހާލަތެއް އޮތް ނަމަ އެ ދުވަސްވަރެއްގައި އޮންނަނީ ކުރީގައި ހުރި ޕާޓީ ދޫކޮށް އެހެން ބަޔަކާއި ގުޅިގެން ކުރިޔަށް ދިއުމެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަބަދުވެސް ކަންކަން ހިނގަމުން އައިސްފައިވާ ގޮތެވެ.

ބޮޑު ކެމްޕެއިނަކަށް ފަހު ސަރުކާރެއް އުފެދިގެން އަންނަ އިރު، ވެރިކަމުގެ ހުވާ ކުރުމާއި ދެމެދު ދޮޅު މަހެއް ދެއެވެ. އަދި އެއަށް ފަހު އޭގެ ފަސް މަހުން ދެން އޮންނަނީ މަޖިލިސް އިންތިހާބެވެ. އޭގެ ކުރިޔަށް އެ ލިބޭ ޓްރާންސިޝަނުގެ މުއްދަތުގެ ތެރޭގައި މަޖިލީހުގައި އޮތީ އަަލަށް އުފެދުނު ސަރުކާރާއި ދެކޮޅު މެޖޯރިޓީއެއް ނަމަ ކެބިނެޓު ވަޒީރުންނަށް ރުހުން ދޭން ދެކޮޅު ހަދަ އެވެ. އަދި ބައެއް ފަހަރަށް މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އަލަށް އުފެދުނު ވެރިކަން މަޖިލީހުގެ ތެރެއިން އަޒުލު ކުރާޏެކަމުގެ ބިރު ދައްކަ އެވެ.

މިއީ ފާއިތުވެ ދިޔަ އެކި މަޖިލިސްތަކުން ފެނިފައި ހުރި މަންޒަރުތަކެވެ. ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީޢެކެވެ. 65 މެމްބަރުންނާއި އެކު ސަރުކާރަށް އެ ޕާޓީން އެންމެ ފުރަތަމަ ދެއްވީ ވަޒީރުންނަށް ރުހުން ނުދޭނެކަމުގެ ބިރެވެ. އެއަށް ފަހު މަޖިލީހުގެ ގަވައިދަށް އެކި ބަދަލުތައް ގެނެސް ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރާނެކަމުގެ ބިރު ދައްކަމުން ދިޔަ އެވެ.

އެކަން ފާހަގަކޮށް ސަރުކާރުން ރައްޔިތުންނަށް ބުނެދެމުން ދިޔައީ 20 ވަނަ މަޖިލީސް އެމްޑީޕީއަށް ދޭން ހެޔޮ ވެސް ނުވާނެކަމަށެވެ. އެހެންވެ އެހެންވެ ޕީއެންސީގެ މެމްބަރުންނަށް ވޯޓު ދީ މަޖިލީހުގެ މެޖޯރިޓީޢަށް އެދުނެވެ.

އެގޮތަށް ރައްޔިތުން މެޖޯރިޓީ ވެސް އޮތީ ދީފަ އެވެ. އެހެން ނަމަވެސް އެއީ އެއްކޮޅަށް މާ ބޮޑަށް ބުރަވެވޭ ގޮތަށެވެ. އަބަދުވެސް މަޖިލީހުގެ މެޖޯރިޓީއެއް ލިބެނީ އޭރަކު އޮންނަ ސަރުކާރަކަށެވެ. އެއީ ވައުދު ފުއްދުމަށްވާ ވައުދުތަކާއި އެކު، ނުފޫޒުގެ ތުހުމަތުގެ ތެރެއިންނާއި ވެސް އެކު އެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ފެންނަނީ ތަފާތު މަންޒަރުތެކެކެވެ. ޖަލްސާތައް އަވަހަށް ނިންމާލުމާއި، ކުރާނެ މަސައްކަތެއް ނެތެވެ. ލެޖިސްލޭޓިވް އެޖެންޑާއެއް އޮވެމެ، އެއާއި އެއްގޮތަށް ބިލުތައް ސަރުކާރުގެ ފަރާތުން ނުފޮނުވަ އެވެ. މި އަހަރު ފެށުނު މަހުން މަސައްކަތްތައް ކޮންމެ ދުވަހަކެއް ވެސް 11 ޖެހުމާއި ހަމައަށް ނިންމާލަ އެވެ. ކުރާނެ މަސައްކަތެއް ނެތުމުންނެވެ.

މިހެން މަސައްކަތްތައް ދާތީ، އިދިކޮޅުގެ ފާޑުކިއުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެ އެވެ. މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ދަނީ ރިޔާސަތުން ބުނާ ގޮތުގައި، ކޮމިޓީ މަރުހަލާގަ އެވެ.

މަޖިލީހުގެ މި މައްސަލަތައް ހައްލުވާނެ ގޮތަކީ ކޮބައިތޯ ގިނަ ބަޔަކު ސުވާލު ކުރެއެވެ. އަޅުގަނޑުގެ ނަޒަރުގައި އެއްވެސް ބަޔަކަށް ބާރުތައް އެބިއުސް ކުރެވޭ ގޮތަށް އޮވެގެން ނުވާނެ އެވެ. މަޖިލިސް އިންތިހާބު ބާއްވަންވީ ދައުރެއްގެ މެދުތެރޭގައި ތޯ ނުވަތަ ރިޔާސީ އިންތިހާބާއި އެކުތޯ މިއީ ބަހުސް ކުރުން ރަނގަޅު މައުޟޫއުއެކެވެ. \

މަޖިލީހަށް ހުށާހަޅާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލުގައި އެ ހާލަތް ބަޔާން ކުރެ އެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރާނަމަ ދާން ޖެހެނީ ރައްޔިތުންގެ ވޯޓަކަށެވެ. އެކަން ބަޔާން ކުރާ ބިލު އޮތީ މަޖިލީހުގަ އެެވެ.

ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލުތައް، ރައީސް މުއިއްޒު އިއުލާނު ކުރެއްވުމުގެ ކުރިޔަށް ވެސް ދޭތެރެއަކުން ދެ އިންތިހާބު އެކުގައި ބާއްވަން ޖެހޭކަމަށް ވާހަކަ ދެކެވިފައި ވެއެވެ. މިކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަނެއްކާވެސް ދާންޖެހޭއިރު، ގާނޫނީ ބަހުސެއް އުފެދޭ ހާލަތުގައި ބަލަނީ ގާނޫނުއަސާސީ ޑްރާފްޓު ލިއުނު ކޮމިޓީގައި އެ މައުޟޫއަށް ބަހުސް ކުރެވިފައި ވޭތޯއާއި އެބޭފުޅުންގެ ވިސްނުން ހުރި ގޮތަކީ ކޮބައިތޯ އެވެ.

އޭރު އެ މަސައްކަތް ކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހަކީ ފަސް އަހަރުގެ ދައުރެއްކަމަށް ވާތީ އިންތިހާބު އެކުގައި ބޭއްވުމަށް ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް އެކަމަށް އެއްބަސްވެވި ޑްރާފްޓު ވެސް އެކުލަވާލި އެވެ. އެކަމަކު އެންމެ ފަހު ވަގުތު، އެކަމަށް ދެކޮޅު ހެދީ އޭރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ޑީއާރުޕީ އެވެ.

ރިޔާސީ އިންތިހާބަށް ފަހު މަޖިލިސް އިންތިހާބު ބޭއްވުމަށް، އިސްލާހު ހުށަހެޅީ އެ ޕާޓީ އެވެ. އެ އިސްލާހު ފާސްވެ ގާނޫނުއަސާސީގައި ކަނޑައެޅީ ރިޔާސީ އިންތިހާބުގެ، ހަ މަސް ފަހުން މަޖިލީހަށް މެމްބަރުން ހޮވުމަށެވެ.

ދެ އިންތިހާބު ވަކިން ބޭއްވުމަކީ، ގައުމު އަބަދުވެސް ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ތަށިވެފައި ތިބެން ޖެހޭ ސަބަބަކަށް ވާނެ އެވެ. ރިޔާސީ އިންތިހާބު ނިމުމާއި އެކު މަޖިލިސް ވާދަވެރިކަމެއް އުފެދި ގިނަ ބައެއްގެ ޑިމާންޑު އޮންނަނީ ޕްރައިމެރީއަކާއި ނުލައި ޓިކެޓު ހޯދުމަށެވެ. އަދި ވެރިކަމުގެ އިތުރު ދައުރެއް ގެއްލޭ ޕާޓީއެއްގެ ސަރުކާރެއްގެ މަގާމުތަކުގައި ތިބޭ، މީހުން ވެސް ފައި ނަގަނީ މަޖިލީހަށްކަމަށްވާއިރު އެ މީހުންގެ ނުފޫޒު ދާއިރާތަކަށް ފޯރަ އެވެ.

ކުރު މިސާލަކަށް ޖެހިލާއިރު، ރައީސް މުއިއްޒު ވެރިކަން ކާމިޔާބު ކުރުމާއި އެކު އޭރު އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ބިރު ދައްކަން ފެށި އެވެ. އަދި މަޖިލީހުގެ ގަވައިދުތަކަށް ބަދަލު ގެނެސް، ޖެއްސުން ކުރަން ފެށުމުން ކުއްލިއަކަށް ފެނުނީ ގިނަ މެމްބަރުންތަކެއް އެއްފަހަރާ އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ގުޅުނު މަންޒަރެވެ.

އޭގެ ސަބަބުން، އެމްޑީޕީގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައެވެ. އެކަމަކު ވެސް ވަޒީރުންނަށް ރުހުން ނުދީ ދައުރު ނިންމާލީ އެވެ.

ރާއްޖޭގެ ނިޒާމު ހަމަޖެހިފައި އޮތީ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އަދި ކައުންސިލް އިންތިހާބު ވަކިން ބޭއްވުމަށެވެ. އިލެކްޝަންސް ކޮމިޝަން މެމްބަރުންގެ ނަޒަރުގައި ވެސް މިއީ ހަރަދު ބޮޑުކަމެކެވެ.

މިކަމުގައި މެމްބަރުންގެ ހިޔާލު ހުރި ގޮތް، މީގެ ކުރީގެ ކޮމިޝަން ބައްދަލުވުންތަކައި ހިޔާލު ބަދަލު ކުރުމުގެ މަޝްވަރާތަކުން އެނގެން އެބަހުއްޓެވެ. އެގޮތުން ކޮމިޝަނުން ހުށަހެޅި، އެއް ހުށަހެޅުމަކީ ރިޔާސީ އިންތިހާބު ވަކިން ބޭއްވުމަށް ފަހު މަޖިލީހާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށް ބޭއްވުމަށެވެ. ކޮމިޝަނުން އެގޮތަށް އިސްލާހު ގެނައުމަށް ބޭނުން ވަނީ ހަރަދުތައް ބޮޑުވުމުގެ ނަޒަރުން ބެލުމަށް ފަހު އެވެ. ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބަށް 100 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހެ އެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ހަމައިން އަނެއްކާވެސް 40 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރާއިރު ޖުމްލަ ހަރަދު 200 މިލިއަނަށް އަރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: