ޑިމޮކްރަސީއަކީ މިނިވަންކަމާއި ޢަދުލު އިންސާފު ކަށަވަރުކުރުމަށް ވުޖޫދުވެފައިވާ ވެރިކަމުގެ ނިޒާމެކެވެ. އެހެންނަމަވެސް، މިއަދު ދުނިޔޭގެ އެކި ހިސާބުތަކުގައި ޑިމޮކްރަސީގެ ނަމުގައި ހިނގަމުންދާ ކަންތައްތަކަކީ މި ނިޒާމުގެ އަސްލު މަޤްޞަދުތަކާ އެއްގޮތްނުވާ ކަންކަމެވެ.
ޑިމޮކްރަސީގެ އަސްލު މާނައަކީ ރައްޔިތުންގެ ވެރިކަމެވެ. މި ނިޒާމުގެ އެންމެ މައިގަނޑު އަސާސަކީ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އިންސާފު ޤާއިމުކުރުމެވެ. ނަމަވެސް، މިއަދު ގިނަ ޤައުމުތަކުގައި ފެންނަމުންދަނީ ހަމައެކަނި އިންތިޚާބުތަކާއި ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމުގެ މަޝްހަދެވެ.
ޑިމޮކްރަސީތަކުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެރިކަމުގެ ބާރު އެއް ފަރާތެއްގެ އަތުގައި އެއްވެގެން ދިއުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މިނިވަންކަން ހަނިވެ، އަސާސީ ޙައްޤުތައް ނިގުޅައިގަނެވެމުންދެއެވެ. މީގެ އިތުރުން، ކޮރަޕްޝަނާއި ނުފޫޒުގެ ބޭނުންކުރުން އިތުރުވެގެންދެއެވެ. ތާރީޚީ އަދި ޒަމާނުގެ ހެކިތަކުން ސާބިތުވާ ގޮތުގައި، ޑިމޮކްރަސީގެ ނަމުގައި އަނިޔާވެރިކަން ހިންގުމަކީ އައު ޕްރެކްޓިސްއެއް ނޫނެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި މި ނިޒާމުގެ ނަމުގައި ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެވި، އަސާސީ މިނިވަންކަން ގެއްލިގެން ގޮސްފައިވާ މިސާލުތައް ދެކެވިފައިވެއެވެ.
ޑިމޮކްރަސީގެ އަސްލު މަޤްޞަދުތަކަށް ވާޞިލުވުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން، ވެރިންގެ ޖަވާބުދާރީވުން ހަރުދަނާކުރުމާއި، މިނިވަން މުއައްސަސާތައް ބާރުވެރިކުރުވުމުގެ އިތުރުން، މަދަނީ މުޖުތަމަޢުގެ ދައުރު ފުޅާކުރުމާއިއެކު ސަރުކާރުގެ ހިންގާ ފަރާތުގެ ބާރު ކުޑަކޮށް ރައްޔިތުންގެ ބާރު ފަދަ ކުރަން ޖެހެއެވެ.
ޑިމޮކްރަސީގެ ގޮންޖެހުންތައް ގިނަނަމަވެސް، މިއީ މިހާތަނަށް އިންސާނިއްޔަތަށް ލިބިފައިވާ އެންމެ ފުރިހަމަ ވެރިކަމުގެ ނިޒާމެވެ. މި ނިޒާމު ހަރުދަނާކޮށް، އިޞްލާޙުކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް މަސްއޫލިއްޔަތެކެވެ. ޙަޤީޤީ ޑިމޮކްރަސީއެއް ޤާއިމުކުރެވޭނީ ރައްޔިތުންގެ ޙައްޤުތަކަށް އިޙްތިރާމްކޮށް، ޢަދުލު އިންސާފު ދެމެހެއްޓުމާއެކު، މިނިވަންކަން ކަށަވަރުކުރެވިގެންނެވެ. މި މަތިވެރި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރުން ލާޒިމުވެގެންވެއެވެ.
ޑިމޮކްރަސީގެ މުސްތަޤްބަލު ބިނާވެގެންވަނީ އަޅުގަނޑުމެންގެ މިއަދުގެ ޢަމަލުތަކުގެ މައްޗަށެވެ. މި ނިޒާމުގެ އަސްލު މަޤްޞަދުތައް ދިރުވައި، އާލާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން ތަޢުލީމީ ނިޒާމު ހަރުދަނާކުރަން ޖެހެއެވެ. ރައްޔިތުންނަށް ޑިމޮކްރަސީގެ އަސްލު މަފްހޫމްތަކާއި އުސޫލުތައް އުނގަންނައިދިނުމަކީ ނިޒާމް ހަރުދަނާ ކުރަން އޮތް މަގެވެ.
ހަމައެހެންމެ މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަކީ ޑިމޮކްރެސީ އެންމެ މުހިންމު އެއް އަސާސެވެ. މިނިވަން އަދި މުސްތަޤިއްލު މީޑިއާއެއް އޮތުމަކީ ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޤާނޫނުގެ ޙުކޫމަތު ވަރުގަދަކުރަން ޖެހެއެވެ. ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރެވޭ ނިޒާމެއް ޤާއިމްކޮށްގެން ނޫނީ ހަގީގީ ޑިމޮކްރެސީއެއް ގާއިމެއް ނުކުރެވޭނެއެވެ.
މީގެއިތުރުން ސިޔާސީ ބައިވެރިވުން އިތުރުކުރަން ޖެހެއެވެ. ރައްޔިތުންގެ ސިޔާސީ ބައިވެރިވުން އިތުރުކޮށް، ޤައުމީ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ޚިޔާލު ހޯދަން ޖެހޭނެއެވެ. އިޤްތިޞާދީ ހަމަހަމަކަން ގެންނަން ޖެހެއެވެ. އިޤްތިޞާދީ ފުރުޞަތުތައް ހަމަހަމަކަމާއެކު ފޯރުކޮށްދީ، އިޖްތިމާޢީ ޢަދާލަތު ޤާއިމު ކުރެވިގެން ނޫނީ ބޭނުންވާ ޑިމޮކްރެސީގެ މަންޒިލަށް ނުދެވޭނެ ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.
އަޅުގަނޑުގެ ހިޔާލުގައި ޑިމޮކްރަސީއަކީ އަބަދުވެސް ތަރައްޤީވަމުންދާ، އިޞްލާޙުވަމުންދާ ނިޒާމެކެވެ. މި ނިޒާމުގެ އަސްލު މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހެއެވެ. ރައްޔިތުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، މިނިވަންކަމާއި ޢަދުލު އިންސާފު ޤާއިމުކުރެވިފައިވާ، ހަރުދަނާ ޑިމޮކްރަސީއެއް ބިނާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. މިގޮތުން، ކުރިމަގު އުޖާލާކުރުމަށްޓަކައި، މިއަދުން މިއަދަށް އަޅުގަނޑުމެންގެ ޒިންމާ އަދާކުރަން ފަށަންޖެހެއެވެ.

