އެޗްޑީސީއިން ކަސްޓަމަރުންގެ ކްރެޑިޓާބެހޭ މަޢުލޫމާތު މަރުކަޒީ ބޭންކު (އެމް.އެމް.އޭ) ގައި ގާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އާންމު ކޮށްފިއެވެ.
އެޗްޑީސީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުން އަންމަ މަސައްކަތުގެ ތެރެއިން، މަރުކަޒީ ބޭންކް، އެމްއެމްއޭގައި ގާއިމްކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އެކުންފުނިން ބައިވެރިވެފައިވާކަމަށް ކުންފުނިން ބުންޏެވެ. އެގޮތުން މާރޗް 2025 އިން ފެށިގެން އެކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މައުލޫމާތު ”ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގެ ގަވާއިދު“ އާއެއްގޮތްވާގޮތުގެ މަތީން ކޮރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އަޕްޑޭޓްކުރެވެމުން ދާނެކަމަށް އެޗްޑީސީއިން ބުންޏެވެ.
މިއީ، އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށާއި، ކުންފުނީގެ މާލީ ގާބިލުކަން އިތުރުކޮށް، އެކުންފުނިން އާންމު ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަޅާފައިވާ މުހިއްމު ފިޔަވަޅެއްކަމުގައި އެކުންފުނިން ވަނީ ބުނެފިއެވެ.
މިބަދަލުގެ ސަބަބުން އެ ކުންފުންޏަށް ފައިސާ ދައްކަން ޖެހޭ ކަސްޓަމަރުންނަށް އެއްވެސް އެހެން މާލީ އިދާރާއަކުން ކްރެޑިޓެއް ދޫކުރުމުގެ ކުރިން ނުވަތަ ރީސްޓްރަކްޗާ ކުރުމުގެ ކުރިން ނުވަތަ އާކުރުމުގެ ކުރިން ނުވަތަ އިތުރު ކޮށްދިނުމުގެ ކުރިން ސިސްޓަމްގައިވާ މައުލޫމާތަށް ބިނާކޮށް މާލީ އިދާރާތަކުން އެފަރާތްތަކުގެ ކެރެޑިޓް އިވެލުއޭޓް ކުރުމަށް ގެންދާނެއެވެ. އެހެންކަމުން އެ ކުންފުންޏަށް ފައިދާ ދައްކާ ފަރާރްތަކުން އެކަމަށް ސަމާލުވެ، ގަވާއިދުން ފައިސާ ދެއްކުމަށް ވަނީ އެޗްޑީސީއިން އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެ ކުންފުނީގެ ހިންގުން ރަނގަޅު ކުރުމަށް ހާމަކަން ބޮޑު އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނީގެ ކަންކަން ބައްޓަން ކުރުމުގައި ކަސްޓަމަރުންނާއި، ރައްޔިތުންނާއި ވިޔަފާރިތަކުން އެ ކުންފުންޏަށް ދޭ އެއްބާރުލުމަށް އެޗްޑީސީއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

