އިންވެސްޓްމެންޓާއި އީޖާދީ މަސައްކަތްތަކަށް ފަހި މާހައުލެއް އޮތް ގައުމެއްގެ ގޮތުގައި ރާއްޖެ ތަރައްގީވަމުން އަންނަކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒުވަނީ ދިވެހި އިގްތިސާދާއި ގުޅޭ ތަފްސީލީ މައުލުމާތުތަކެއް ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެ ތަރައްގީކުރަމުންދަނީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ނޫންކަމަށެވެ. އަދި ރާއްޖެއަކީ އިންވެސްޓުމެންޓުތަކަށާއި އީޖާތީ މަސައްކަތްތަކަށް ވަރުގަދަ ޕްލެޓްފޯމެއްގެ ގޮތުގައި ތަރައްގީވަމުން އަންނަކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ގައުމު ތަރައްގީކުރާނެ ސާފު ތަސައްވުރަކާއިއެކު ސިޔާސީ ހަމަޖެހުން އޮންނާނެކަމަށާއި ރާއްޖެއަކީ އޭޝިއާ އެފްރެިކާ އަދި މެދުއިރުމަތި ގުޅުވައިދޭ މުހިންމު ސަރަހައްދެއްކަމަށެވެ. އަދި ރާއްޖޭގައި ހުނަރުވެރި އުންމީދުން ފުރިގެންވާ ޒުވާން އާބާދީއެއް އޮތްކަމަށާއި މިހާރު ރާއްޖޭގައި ޒަމާނީ ގޮތެއްގެ މަތިން ބައްޓަންކުރެވިފައިވާ އިންވެސްޓްމެންޓް އޮނިގަނޑެއްވެސް އޮތްކަމަށް ފާހަގަކުރެއްވިއެވެ.
ނިމިދިޔަ އަހަރުގެ ތެރޭގައި 45 އަހަރު ވެފައިވާ ގާނޫނެއްގެ ބަދަލުގައި އައު ފޮރިން އިންވެސްޓްމެންޓް އެކްޓެއް ވުޖޫދަށް ގެނެސްފައިވާކަމަށްވެސް ހިއްސާކުރެއްވިއެވެ. އެ ގާނޫނުގެ ދަށުން އިންވެސްޓަރުންނަށް ރައްކައުތެރިކަން ލިބިގެންދާ މިންވަރު އިތުރުވެފައިވާކަމަށާއި އެ ދާއިރާގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިއުން ފަސޭހަވެ ހަރުދަނާ ގޮތެއްގެ މަތިން ކުރުމަށް ފަހިވެގެންދާކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން އެންމެ ރަނގަޅު އުސޫލުތަކާއި ރާއްޖޭގެ ވިޔަފާރީގެ މާހައުލު އެއް ހަމަ ކުރެވޭކަމަށެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ފްރޭމްވޯކްގެ ދަށުން މަސައްކަތްތައް އަލުން ފެށިގެން ގޮސްފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ވަކިވަކި ޕްރޮޖެކްޓުތަކާއި ގުޅިގެން ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ފުރުސަތު ހުޅުވިފައިވާކަމަށާއި މީގެ ތެރޭގައި ހަކަތައިގެ އިތުރުން ބަނދަރުތައް ތަރައްގީ ކުރުމާއި ސިއްހީ ދާއިރާގެ އިތުރުން ތައުލީމާތި ފައިނޭންސްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ ވުޒާރާ އަދި ވެސްޓް ލަންޑަން ޗެމްބާރ އޮފް ކޮމާސް ދެމެދު އެމްއޯޔޫއެއްގައި ފަހުމްނާމާ އެއްގައި ސޮއިކުރެވިގެންދާނެކަމަށް އަލިއަޅުއްވައި ރައީސް ވިދާޅުވީ، އެކަމަކީ އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށް ރާއްޖެއާއި ގުޅިގެން މަސައްކަތްކުރުމަށްޓަކައި ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި އެޅިފައިވާ މުހިންމު ފިޔަވަޅެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިންތިބީ ދެފަރާތަށްވެސް ފައިދާކުރަނިވި ގޮތެއްގެ މަތިން އިގްތިސާދީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށްކަމަށާއި ރާއްޖެ އޮތީ އިގިރޭސިވިލާތާއިމެދު ގުޅުންތައް އިތުރަށް ވަރުދަގަދަ ކުރުމަށް ތައްޔާރަށްކަމަށެވެ. އެހެންކަމުން ދެމެހެއްޓިނިވި ގޮތެއްގެ މަތިން ކުރިއެރުން ހޯދުމަށާއި އީޖާދީ ހައްލުތަކުގެ އިތުރުން އެންމެންވެސް ޝާމިލުވާހެން މަންފާތަކެއް ހާސިލުކުރަން އެދޭ ފަރާތްތަކަށް މަރުހަބާ ވިދާޅުވާކަމަށެވެ.
ރައީސް ވިދާޅުވީ، ކުރެވެމުންދާ މަސައްކަތްތަކުގެ މަގުސަދަކީ ހަމައެކަނި އިންވެސްޓުމެންޓުތަކެއް ހޯދުން ނޫންކަމަށާއި މަސައްކަތްތަކެއް ކުރެވެމުންދަނީ މުސްތަގުބަލަށް ތައްޔާރުކުރެވިފައިވާ އިގްތިސާދެއް ބިނާކުރުންކަމަށެވެ.

