2017 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑު އުފެއްދި މަގުސަދާއި ދިމާ ނުވާ ގޮތެއްގެ މަތިން ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭކަމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓާރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ 2017 އިން 2023 ވަނަ އަހަރަށް އެކުލަވާލި އެސްޑީއެފްގެ ރިވިއުގައި ބުނެފައިވާގޮތުން ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ޕަބްލިކް ފައިނޭންސް އެކްޓަށް ގެނައި 7 ވަނަ އިސްލާހާއިއެކު އެސްޑީއެފްގެ އަމާޒުތައް ކަނޑައަޅާފައެވެ. މީގެ ތެރޭގައި ދެމެހެއްޓިނިވި ގޮތެއްގެމަތިން ފަނޑުތައް އިންވެސްޓުކުރުމާއި ދަރަނިތައް އަދާކުރެވޭނެ ގޮތެއްގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ފަނޑަށް އާމްދަނީ އިތުރުކުރުން ހިމެނޭކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް ފަނޑުން ކޮށްފައިވާ ބައެއް އިންވެސްޓުމެންޓުތަކުން އެ މިސްރާބު ހިފެހެއްޓިގެން ނުދާކަމަށް ވަނީ ބުނެފަ އެވެ.
31 ޑިސެމްބަރު 2023 ވަނަ އަހަރުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އެސްޑީއެފްގެ 88 އިންސައްތަ އިންވެސްޓުކުރެވިފައި ވަނީ ސަރުކާރުގެ މާލީ ބޭނުންތައް ފުއްދުމަށް ކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޓްރެޝަރީ ބިލުތައްކަމަށާއި އެސްޑީއެފްއާއި މިނިސްޓްރީގެ މައުލޫމާތުތަކަށް ބަލާއިރު އޭގެ ތެރޭގައި 138.74 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލެއްގެ އިތުރުން 4.41 ބިލިއަން ރުފިޔާގެ ޓީބިލެއްވެސް ހިމެނޭކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ.
ފަނޑުގެ އެންމެ މުހިންމު އެއް މަގުސަދަކީ ސަރުކާރުގެ ދަރަނިތައް އަދާކުރުންކަމަށްވާއިރު 2025 އަދި 2026 ވަނަ އަހަރުގެ ތެރޭގައިވެސް ގިނަ އަދަދަކަށް ފައިސާ ދައްކަންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުގެ އެކި ބޭނުންތަކަށް އެސްޑީއެފް އިން އިންވެސްޓުކޮށްފައިވުމުން ބޭނުން ޖެހުމުން ފައިސާ ހޯދޭނެ މަގު ހަނިވިގެންދާކަމަށް ފާހަގަކޮށްފައިވެއެވެ.
އެޗްޑީސީއަށް ފަންޑުން ލޯނު ދޫކޮށްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އެ ކުންފުންޏަކީ ވޭދުވެދިޔަ އަހަރުތަކުގެ ތެރޭގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ބަޖެޓަށް ވަރަށް ބޮޑަށް ބަރޯސާވާ ކުންފުންނެއްކަމަށްވާއިރު ގަވައިދުން ލޯނުތައް އަނބުރާ ނުދެއްކުމުގެ ތާރީހެއް ފެންނަން އޮތްކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް 206.14 މިލިއަން ރުފިޔާ އެޗްޑީސީއަށް ފަންޑުން ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ބުނެފައިވެއެވެ.
މިގޮތުން 2018 އަދި 2019 ވަނަ އަހަރު ލޯނު ދޫކޮށްފައިވާއިރު އަނބުރާ ދެއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަން ފެނިގެން ނުދާކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އިންޓްރެސްޓުގެ އިތުރުން ޖޫރިމަނާވެސް އަރައިގެން ގޮސްފައިވާއިރު ދައްކަން ޖެހޭ މުއްދަތު ހަމަވުމުން ފަސްކުރުމަށް ސަރުކާރާއި ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފައިވާކަމަށާއި އޯވާރޑިއުގެ އިތުރުން ޖޫރިމަނާ ދައްކަން 2022-2035 ވަނަ އަހަރަށް މުއްދަތު ދީފައިވާއިރު ނެގި އަދަދު އަނބުރާ ދައްކަން 2030 ވަނަ އަހަރުގެ ނިޔަލަށް މުއްދަތު ދީފައިވާކަމަށް ބުނެފައިވެއެވެ.

