ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރަން ފަށައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ބައިނަލްއަޤުވާމީ އެއާލައިނެއް ވެސް އެ ޓާމިނަލްއަށް ބަދަލު ކުރެވޭނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ޖުލައި 26 ގައި އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުންދާއިރު، މިއީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓާމިނަލްއަށް ވެގެންދާނެ އެވެ. އަދި ޒަމާނީ ފަހުގެ ހިދުމަތްތަކާއި އެކު އާ ޓާމިނަލް ބޭނުން ކުރަން ފެށުމުން ރާއްޖެއަށް އަންނަ ބޭރުގެ އެއާލައިންތަކުގެ އަދަދު އިތުރު ކުރެވި، އެއްފަހަރާ ގިނަ ބަޔަކަށް ހިދުމަތް ދެވޭނެކަމަށް އެމްއޭސީއެލް ވަނީ ބުނެފަ އެވެ.
އެއާޕޯޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފް ވިދާޅުވީ އެއާލައިންތައް އެއްފަހަރާ އައު ޓާމިނަލްއަށް ބަދަލު ކުރުމުގެ ބަދަލުގައި ޝިފްޓު ކުރަމުންދާނީ ދުވަސްތަކަށް ބަހާލައިގެން ކަމަށެވެ. އަދި ފަހަރަކު އެއާލައިނެއް ބަދަލު ކުރަމުން ގޮސް، ދެ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް މުޖްތަބާ ވިދާޅުވި އެވެ.
އެއާލައިންތައް އެއްކޮށް އައު ޓާމިނަލްއަށް ބަދަލު ނުކުރާ ސަބަބެއްކަމަށް މުޖްތަބާ ވިދާޅުވީ ވީހާވެސް އޮމާންކަމާއި އެކު އޮޕަރޭޝަންތައް ގެންދިއުމެވެ. އަދި ނޮވެމްބަރު މަހު ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިގެން ދާނެކަން ވެސް މުޖްތަބާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އަމާޒަކީ ޕީކް ސީޒަން ފެށިގެންދާއިރު ފަތުރުވެރިންނަށް ވީހާވެސް އަވަސް ހިދުމަތެއް ދިނުމެވެ.
މުޖްތަބާ ވިދާޅުވީ މިހާރު ވެސް އޮރާޓްގެ މަސައްކަތްތައް ކުރިޔަށްދާކަމަށާއި، ފަސިންޖަރުންނަށް ހިދުމަތް ދިނުމުގެ އެކި ޓްރަޔަލްތައް ވެސް ކުރިޔަށްދާކަމަށެވެ. އަދި ފަހަރަކު އެއާލައިނެއް ބަދަލު ކުރަމުން ދިއުމަކީ އޮރާޓްގެ އިރުޝާދުކަމަށް ވިދާޅުވި އެވެ.
އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވިގެން މިދަނީ.. ޖުލައި 26 ގައި އޮރާޓް ޕްރޮސެސްއެއްގެ ތެރެއިން.. ދެން އެއީ ހަމަ ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏަކުން އެބޭފުޅުން އަޅުގަނޑުމެންގެ އިރުޝާދާއި އެކު މިދަނީ.. ދެން އަޅުގަނޑުމެން ޖުލައި 26 ގައި ހުޅުވުމަށް ފަހު.. ރާއްޖޭގެ ނެޝަނަލް އެއާލައިން މޯލްޑިވިއަންއައި އެކު އޮޕަރޭޝަން ފަށާނަން.. ދެން ހަމަ ފަހަރަކު އެއާލައިނެއް މިހާރުގެ ޓާމިނަލްއިން ޓްރާންސްފަރ ކުރާނަން.. އެއާއި އެކު ގޮސް ސެޕްޓެމްބަރު 30 އަށް.. މި އަންނަ ސީޒަންއަށް ހުރިހާ އެއާލައިނެއް ބަދަލު ކުރެވިގެން ދާނެ..
ޓާމިނަލްއަށް ގެނައުމަށް މަސައްކަތް ކުރާ އެހެން ބަދަލުތަކާއި ގުޅޭގޮތުން މުޖްތަބާ ވިދާޅުވީ، މިހާރު ބޭނުން ކުރަމުންދާ އިންޓަނޭޝަނަލް ޑޮމެސްޓިކް ޓާމިނަލް ދަތުރުތަކަށް ބޭނުން ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
މީގެއިތުރުން މުޖްތަބާ ވަނީ އައު ޓާމިލްއިން ސީޕްލޭން ޓާމިނަލްއަށް ދެވޭނެ ގޮތެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު އޮތް ގޮތުން ގިނަ ބަސްތައް އެކި ދަތުރުތަކަށް ބޭނުން ކުރަން ޖެހޭއިރު، ފަސިންޖަރުންގެ 35 އިންސައްތަ ދަތުރު ކުރުމަށް ސީޕްލޭން ބޭނުން ކުރާކަމަށް ވިދާޅުވި އެވެ.
އެގޮތުން ފިކްސްކޮށްފައިވާ ލައިނެއް އެޅުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފެށޭވަރުވާނެކަމަށް މުޖްތަބާ ވަނީ ވިދާޅުވި އެވެ.

