މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުގެ ބައްޕާފުޅު، ސަޢީދު ޢަބްދުﷲ، ވިނަރެސް / ހއ.ތުރާކުނު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ތައުޒިޔާ ވިދާޅުވެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސައީދު އަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކު ކަމަށެވެ.
ރައީސް ވިދާޅުވީ، މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއްކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ މުއިއްޒު ވަނީ މަރުޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ. އެގޮތުން މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލެހެއްޓެވުން އެދި ރައީސް ދުއާ ދަންނަވާފައިވެއެވެ.

