ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭކު މުދާ، ބޮޑު ނުރައްކަލެއް!

މުދާ ފޯރުކޮށްދިނުމުގެ މަސައްކަތްތައް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ކެންސަރާއި އެހެނިހެން ނުރައްކާތެރި ބަލިތަކުގެ މައްސަލަ އިތުރުވަމުންދާކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކުރަމުންދެއެވެ. ކުޑަ އާބާދީއެއްގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. މި މަޤްޞަދުގައި، ޒުވާން ޖީލު ރައްކާތެރިކުރުމަށާއި މުޅި މުޖުތަމަޢު ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި، ސަރުކާރުން ވަނީ ރާއްޖޭގައި ޢާންމުކޮށް ބޭނުންކުރެވޭ ވޭޕް މަނާކޮށްފައެވެ. މި ފިޔަވަޅާ ދެކޮޅަށް ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރި ނަމަވެސް، އޭގެ މަޤްޞަދުގެ މުހިންމުކަން ދެނެގަނެ، ގިނަ ރައްޔިތުން ވަނީ މިކަން ޤަބޫލުކޮށްފައެވެ.

އެހެންނަމަވެސް، މި މައްސަލައަށް ފުރިހަމަ ޙައްލެއް ނާންނާނެ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. ދިވެހިންގެ ޞިއްޙަތަށް ނުރައްކާވެދާނެ އެތައް ބާވަތެއްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް، ވިއްކައި، ބޭނުންކުރަމުން ގެންދެއެވެ. މީގެ ތެރޭގައި އަންނައުނު، ކޮސްމެޓިކްސް އަދި ކާބޯތަކެތިވެސް ހިމެނެއެވެ. މިއީ އަސާސީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ތަކެތި ކަމަށްވުމުން، މިއީ ވޭޕަށްވުރެވެސް ބޮޑު މައްސަލައެއްކަން ކަށަވަރެވެ.

ނަމަނަމުގައި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ރެގިއުލޭޓްކުރެވެމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންނަމަވެސް، ނުރައްކާތެރި ބާވަތްތައް ރާއްޖެއަށް އެތެރެކުރެވެމުންދަނީ ކީއްވެގެންކަން ސާފެއް ނުވެއެވެ. މި ޙާލަތުގައި އެންމެ އެކަށީގެންވާ ސަބަބަކީ ކޮރަޕްޝަންގެ މައްސަލަތައް ކަމަށް ބެލެވެއެވެ. ރާއްޖޭގެ އެކި ދާއިރާތަކުގައި ކޮރަޕްޝަން ނެތްކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ. މިހާރު ފުޑް ސޭފްޓީ އެކްޓެއް އޮތް ނަމަވެސް، ގިނަ ފިހާރަތަކަށް ވަދެ ބަލައިލާއިރު ނަކަލުކޮށްފައިވާ އެއް ބާވަތުގެ މުދާ ފެންނަން ހުރެއެވެ. އުފައްދާ ޤައުމަށްވުރެ ހެޔޮ އަގުގައި ރާއްޖޭގެ ބާޒާރުން ބައެއް ތަކެތި ލިބެން ހުރުމުން، އެ ތަކެތި އުފައްދާ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް ހައިރައިރާންވެއެވެ. ރާއްޖޭގައި ދިރިއުޅޭ މީހުން އެއީ ނަކަލު މުދާކަމަށް ބުނެއެވެ.

މި ދާއިރާ ރަނގަޅަށް ބެލެހެއްޓިފައިނުވާކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. މިސާލަކަށް، ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ވަރަށް ގިނައިން ބޭނުންކުރެވެމުން އައި ހަވާދުގެ ބާވަތެއްކަމަށްވާ އެވަރެސްޓާއި އެމްޑީއެޗް ބްރޭންޑު ނިމިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުން މަނާކުރެވުނެވެ. އެތައް އަހަރެއް ވަންދެން ބޭނުންކުރަމުން އައި މި ބާވަތްތައް މަނާކުރެވުނީ ސިންގަޕޫރު އަދި ޗައިނާ ފަދަ ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކުން އިންޒާރު ދިނުމާ ގުޅިގެން، ރާއްޖޭގެ ކަމާބެހޭ ވުޒާރާގެ ސަމާލުކަމަށް އައުމުންނެވެ. މި ތަކެތި މަނާކުރެވުނީ އޭގައި ކެންސަރު ޖެހުމަށް މަގުފަހިވާ ކެމިކަލްއެއް އެކުލެވިފައިވާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.

މިއަދު ދިވެހިންގެ މެދުގައި އެންމެ މަޤްބޫލު އެއް ޙަރަކާތަކީ އޮންލައިން ޝޮޕިންގއެވެ. ޚާއްޞަކޮށް އަންނައުނު ގަތުމަށް ބޮޑު ޚަރަދެއް ކުރެވެއެވެ. ރާއްޖޭގެ ގިނަ ފިހާރަތަކުންވެސް ލިބެން ހުންނަނީ ދާދި އެއްވައްތަރެއްގެ މުދަލެވެ. މި ދާއިރާ ރެގިއުލޭޓްކުރެވޭ މިންވަރު ދަށްކަން ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ގިނައިން ބޭނުންކުރެވޭ އެއް ވެބްސައިޓަކީ ޝެއިންއެވެ. އަދިވެސް ރާއްޖެއަށް މި ސައިޓުން މުދާ ގެނައުމުގައި އެއްވެސް ހުރަހެއް ނެތްއިރު، ބައެއް ޤައުމުތަކުން 2024 އަދި 2025 ވަނަ އަހަރުގެ ތެރޭގައިވެސް މިކަމާ ގުޅޭ ފިޔަވަޅުތައް އަޅާފައިވެއެވެ.

2024 ވަނަ އަހަރުގެ ތެރޭގައި ދެކުނު ކޮރެއާއިން ވަނީ ކެންސަރަށް މަގުފަހިކުރާ ބައެއް ކެމިކަލް މާއްދާތައް ފެނިފައިވާކަން ރިޕޯޓުކޮށްފައެވެ. މިފަދަ މާއްދާތައް ފެނުނު މުދަލުގެ ތެރޭގައި ކުޑަކުދިންގެ ބޫޓާއި ދަބަސް ހިމެނެއެވެ. މިގޮތުން ޤާނޫނީގޮތުން ހުއްދަ މިންވަރަށްވުރެ 428 ގުނަ އިތުރަށް ފަލަލޭޓްސް ހުރިކަމަށް ބުނެފައިވާއިރު، އެއީ ހޯމޯން މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވާނެ ކެމިކަލްއެކެވެ.

ސިންގަޕޫރުގެ ކޮންސިއުމަރ ޕްރޮޑަކްޓް ސޭފްޓީ އޮފީހުންވަނީ ނުރައްކާތެރި މާއްދާތަކެއްގެ އަސަރުތައް ފާހަގަކުރެވޭކަމަށް ރިޕޯޓުކުރި ބައެއް މުދާތައް، ތަޙްޤީޤުތައް ހިނގަމުންދަނިކޮށް ޝެއިން ސައިޓުން ނަގާލިކަންވެސް އާންމުކޮށްފައެވެ. ޝެއިންއިން ވިއްކަމުންދިޔަ ނިޔަފަތީގައި ޖައްސާ ކުލަ ފުޅިތަކާއި ބައެއް އެކްސެސަރީތަކުގައިވެސް ކެންސަރާއި އޯގަން ޑެމޭޖަށް ފަހިވާ ކެމިކަލްތަކެއް ކަމަށްވާ ފޯމަލްޑިހައިޑާއި ޑައިއޮކްސޭން ހުރިކަން އިތުރު ތަޙްޤީޤުތަކުން ފާހަގަކުރެވުނެވެ.

2025 ވަނަ އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ ފެޝަން މެގަޒިންއެއްކަމަށްވާ އެލްގެ އޮސްޓްރޭލިއާގެ ބްރާންޗުންވަނީ ޝެއިން އަދި ޓީމޫއިން ވިއްކާ ގިނަ ސާމާނުތަކެއް ހިމެނޭހެން ދިރާސާތަކެއް ކުރުމަށްފަހު މަޢުލޫމާތު އާންމުކޮށްފައެވެ. އެ މަޢުލޫމާތުގައިވާ ގޮތުން މި ދެ ސައިޓުން ވިއްކާ ގިނަ ބާވަތްތަކެއްގެ މުދަލުގައިވެސް ނުރައްކާތެރި މިންވަރަކަށް ވިހަ ކެމިކަލް މާއްދާތައް ހިމެނެއެވެ. އެހެން ޤައުމުތަކަށް މި މައްސަލަ ފާހަގަކުރެވުނުއިރު، ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް މިކަން ފާހަގަކުރެވިފައިނުވަނީ ކީއްވެގެންކަން ސުވާލު އުފެދެއެވެ. ނަމަވެސް، މި މައްސަލައަށް ޙައްލުތަކެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.

މި ޙާލަތުގައި، ހަމައެކަނި ވޭޕް މަނާކުރުމަކުން ނުފުދޭނެއެވެ. ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޖުމްލަ ގޮތެއްގައި މަސައްކަތްކުރަންޖެހެއެވެ. މީގެ ތެރޭގައި ކޮސްމެޓިކްސްވެސް ރެގިއުލޭޓްކުރުން ހިމެނެއެވެ.

މިހާރު ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ ފުޑް ސޭފްޓީ އެކްޓު މެދުވެރިކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރަހެއް ނެތި މަސައްކަތްކުރުމުގެ ފުރުޞަތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ސަރުކާރާއި މަޖިލިސް އެއްގަލެއްގައި އޮތުމުން، ޤާނޫނީ ހުރަސްތައް ނައްތާލުމަކީވެސް ފަސޭހަކަމަކަށް ވާނެއެވެ. ޓްރޭޑްމާކް ބިލެއް މަޖިލީހަށް ހުށަހަޅައި، އޭގެ ދަށުން ދިވެހިރާއްޖޭގައި ނަކަލު މުދާ ވިއްކުން ހުއްޓުވުމަކީ މުހިންމު ފިޔަވަޅެކެވެ.

ޔަޤީނުންވެސް މިފަދަ ފިޔަވަޅުތައް ނޭޅި، ރާއްޖޭގައި ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަކީ ދަތިކަމަކަށް ވާނެއެވެ. ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރާނަމަ، ނަކަލު މުދާ ރާއްޖެއިން މަނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަމަށްޓަކައި:

  1. ކަމާބެހޭ ޤާނޫނުތައް ހަރުދަނާކޮށް، އެ ޤާނޫނުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުން.
  2. އިމްޕޯޓް މުދާ ބަލައި ފާސްކުރުމުގެ ނިޒާމު ހަރުދަނާކުރުން.
  3. ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން.
  4. ބައިނަލްއަޤްވާމީ ފެންވަރުގައި އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުން.
  5. ރާއްޖޭގެ ވިޔަފާރިވެރިންނަށް ރައްކާތެރި އަދި ޞައްޙަ މުދާ އިމްޕޯޓްކުރުމަށް ހިތްވަރުދިނުން.

މި ފިޔަވަޅުތައް އެޅުމަކީ ދިވެހި ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެކެވެ. މިކަމުގައި ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި، ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: