މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ހިލޭ ޑިގްރީ ޕްރޮގްރާމަށް 982 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މަތީ ތައުލީމާއި ތަމްރީނާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ. މީގެ ތެރެއިން މިއަހަރަށް އެކަނި 282.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މަތީ ތައުލީމާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 1،151 ދަރިވަރަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އޭގެ ތެރެއިން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ލޯނު ދޫކޮށްފައިވަނީ 274 ދަރިވަރަކަށެވެ.
ސަރުކާރުން މި އަހަރުގެ ބަޖެޓުގައި ސްޓޫޑެންޓް ލޯނަށް ޚަރަދުކުރުމަށް 768 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި މިހާރު ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން 1،642 ދަރިވަރުން ވަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ.
ވުޒާރާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 863 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރެއިން މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް ދަސްވެނިވެފައިވަނީ 281 ދަރިވަރުންނެވެ.

