ޓީއެމްއޭގެ މަސައްކަތްތެރިންގެ އަޑު އަހައިގެން ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ސަރުކާރަށް ގޮވާލައްވައިފިއެވެ.
ރުފިޔާއިން މުސާރަ ދިނުމާއި ދެކޮޅަށް ޓީއެމްއޭގެ މުއައްޒަފުންތަކެއް އަޑުއުފުލަމުންދާކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ މުއައްޒަފުންތަކެއް އިހުތިޖާޖެއް ކުރިކަމުގެ އަޑުއިވިގެން ގޮސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއްކަމަށާެވެ. އެހެންކަމުން ފެނިގެންދަނީ އަނެއްކާވެސް ސަރުކާރުގެ ގޯސް ސިޔާސަތުތަކެއްގެ ސަބަބުން އިގްތިސާދަށް ޖޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ މަންޒަރުކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ފައިސާ ހޯދަން ސަރުކާރު ނާގާބިލިއިރު އެކި ސިޔާސަތުތައް ފްލޮޕް ވަމުންދިއުމާއި ހުރި ވަސީލަތްތައް ބޭކާރު ކުރަމުންދިއުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާކަމަށެވެ. އެހެންކަމުން ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާއިރު ރައީސް ޑރ މުއިއްޒުގެ ފެއިލިއަރގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވަނީ އާންމުންނާއި ރާއްޖޭގެ ވިޔަފާރިތަކަށް ކަމަށެވެ.
ޗެއަރޕާސަން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ތައާރަފްކުރި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގައި މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ސާފު ދެފުށް ފެންނަ ގޮތްތަކެއް ބަޔާންކޮށްފައިވާނެކަމަށާެވެ. އެހެންކަމުން މައްސަލަތައް އުފެދިފައިވާ މުއައްޒަފުންނާއިމެދު މުއާމަލާތްތަކެއް ކުރިއަށް ގެންގޮސްގެން ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

