ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ އެއްވެސް މަސައްކަތެއް ކުރިޔަށްދާނަމަ، އެކަމެއް މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ކޮރަޕްޝަނުގެ މައްސަލައެއްގައި އަށް މަސް ދުވަހަށް ސަސްޕެންޝަނުގައި ހުންނެވުމަށްފަހު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުން މުހައްމަދު އާސިފް ވަނީ ވަކިކޮށްފަ އެވެ. މަގާމުން ވަކިކުރުމުން، އާސިފްގެ ފަރާތުން މައްސަލައެއް ކޯޓަށް ހުށަހެޅީ އެވެ.
ޕްރިޒަންސް ކްލަބްގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެކައުންޓުތަކަށް ޖަމާކުރިކަމަށް ތުހުމަތު އާސިފްއަށް ކުރެވި މަގާމުން އެކަހެރި ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ. އޭރު ވެސް އާސިފްއާއި ގުޅޭގޮތުން ތުހުމަތުތައް މީޑިއާތަކުގައި އޮތީ ތިލަވެފަ އެވެ.
ކަރެކްޝަނުގެ އެއްވެސް އިމާރާތަކަށް ވަނުން މަނާށް އާސިފް ސަސްޕެންޑު ކުރި ނަމަވެސް، އޭނާ ގޭގައި ހުރީ މުސާރަ ހިނގާ ގޮތަށެވެ.
މައްސަލަ މީޑިއާތަކުގެ ސަމާލުކަމަށް އައީ ހިޔާނާތުގެ ތުހުމަތުކޮށް ކަރެކްޝަނުގެ 35 މުވައްޒަފެއް، އާސިފްއާއި ދެކޮޅަށް ޕެޓިޝަނެއް ހުށަހެޅުމުންނެވެ.
މި މައްސަލައިގައި އާސިފްގެ ފަރާތުން ހުށަހަޅާފައިވާ ވަގުތީ އަމުރުގައި އެދިފައި ވަނީ، ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން އޭނާގެ މަގާމަށް މީހަކު އައްޔަނު ކުރުން މަޑުޖައްސާލުމަށެވެ. އަދި އެދިފައި ވަނީ ތިން ވަނަ ފަރާތެއްގެ ހައްގު އެ މަގާމުގެ މައްޗަށް އުފަންވެދާނެ އެއްވެސްކަމެއް ނުކުރުމަށެވެ. މަގާމަށް އެއްވެސް ފަރާތެއް އައްޔަނު ކުރުމުގެ މަސައްކަތް ކުރިޔަށް ދާނަމަ، އެކަމެއް ހުއްޓުވައިދިނުމަށް ވެސް އާސިފްގެ މައްސަލައިގައި ވެއެވެ.
އާސިފްގެ މައްސަލައިން އެނގޭ ގޮތުގައި އޭނާ 2024 ޑިސެމްބަރު 23 ގައި ސަސްޕެންޑު ކުރުމަށް ފަހު މަގާމުން ވަކިކޮށްފައި ވަނީ ޖުލައި 16 ގައެވެ. އަދި ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވި ޗިޓުގައި ސަބަބެއްކަމަށް ބުނެފައި ވަނީ އޮފިސަރުންގެ ސުލޫކީ މިންގަނޑާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވާޒީފާއާއި ބެހޭ ގަވައިދާ ހިލާފަށް އަމިއްލަ ބޭނުންތަކެއް ހާސިލު ކުރިކަމަށް މަދަނީ މިންގަނޑުން ސާބިވުމުން ކަމަށެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ސާފިފް ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އަމަލު ކުރަން ޖެހޭ މައުޟޫއީ އަދަލުވުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމެއް ނެތިކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމަށް ކަރެކްޝަނުގެ ފަރާތުން ނިންމި، ނިންމު ބާތިލު ކުރުމަށް އެދި ޖުޑިޝަލް ރިވިއުގެ ދައުވާއެއް ކުރުމަށް ގަސްދުކުރާކަމަށް ބުނެފައިވެއެވެ.
މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ނެރުނު އަމުރުގައި ވަނީ، އާސިފް މައްޗަށް ތުހުމަތުކުރާ ކަމަކީ އެއްވެސް ހާލެއްގައި އޮފިސަރެއްގެ ހައިސިއްޔަތުން ނުވަތަ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަސްއޫލިއްޔަތާ ގުޅިގެން ކުރާ ތުހުމަތެއް ނޫންކަން އެނގޭކަމަށެވެ. އަދި ޕްރިޒަން ކްލަބަކީ ޖަމްޢިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޖަމިއްޔާއެއްކަމަށްވާއިރު އާސިފް އަދާކުރީ އެ ޖަމިއްޔާގެ މެމްބަރުންގެ ވޯޓާއި އެކު ރައީސްގެ މަގާމުކަމަށް ވަނީ ބުނެފަ އެވެ.
އަމުރުގައި ބުނެފައި ވަނީ ޖަމިއްޔާތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އެއީ ގާނޫނީ އަމިއްލަ ޝަހުސެއްއްކަމަށާއި، އަދި 74 ވަނަ މާއްދާގެ ދަށުން ޖަމިއްޔާގެ އާމްދަނީ އާއި މުދަލުގެ މިލްކުވެރި ފަރާތަކީ ޖަމިއްޔާ ކަމަށެވެ. އެހެންކަމުން އެތަކެތި ކަރެކްޝަނަސްގެ ތަކެއްޗަށް ނުވަތަ މުދަލަށްވާނެ ގާނޫނީ ހަމައެއް ނެތްކަމަށްވެސް ހައިކޯޓު އަމުރުގައިވެއެވެ.
ހައިކޯޓުގެ އަމުރުގައި ބުނެފައި ވަނީ އާސިފް ވަޒީފާއިން ވަކިކުރި މައްސަލާގައި ދައުލަތުގެ މާލިއްޔަތާބެހޭ ގާނޫނުގައި ނުވަތަ ގަވާއިދުގައި ބުނެފައިވާ ގޮތަށް ދައުލަތުގެ ވަސީލަތަކާ ގުޅޭ ގޮތުން އޭނާއަށް ތުހުމަތުކޮށްފައިނުވާކަމަށެވެ.
މައްސަލައިގައި ކޯޓުގެ އަމުރުގައި ވަނީ ކަރެކްޝަންސް އޭސީޕީގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށެވެ. އަދި އެ މަގާމުގެ މައްޗަށް ތިންވަނަ ފަރާތއެއްގެ ހައްގެއް އުފަންވެދާނެ އެއްވެސްކަމެއް ކުރާނަމަ އެކަމެއް ވަގުތުން ހުއްޓާލުމަށް ވެއެވެ.

