ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ނިންމެވުމަކީ، ބީއެމްއެލް ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، ޕްލޭނިން މިނިސްޓްރީ ކުރިޔަށް ގެންދިޔަ ދިރާސާއަކަށް ރިއާޔަތްކޮށް ނިންމަވާފައިވާ ނިންމެވުމެކެވެ. އަދި ބުނެފައި ވަނީ ސަރުކާރުގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މި ނިންމުމާއި ގުޅޭގޮތުން ސަރުކާރުން ބުނެފައި ވަނީ އެސްޑީއެފްސީގެ ހިއްސާ ބަދަލުވުމާއެކު، ބީއެމްއެލްގެ މާލީ ގާބިލުކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މެދުނުކެނޑި މާލީ އެހީތެރިކަން ލިބިގެންދާނެކަމަށެވެ.
އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯނު، އަދި 5 އަހަރުގެ ތެރޭގައި ޖުމްލަ 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ބީއެމްއެލް ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން، އަލަށް ފަށާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.
ސަރުކާރުން ބުނީ ބީއެމްއެލްގެ ބެލެނިވެރިކަމުގެ ދަށުން، އެސްޑީއެފްސީ ހިންގަމުން ގެންދާނީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ޒަމާނީ ޑިޖިޓަލް ބޭންކިންގ ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި ބުނެފައި ވަނީ އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަމުން ގެންދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށްވުރެ ބޮޑުނުވާ ގޮތަށް ކަމަށެވެ. މީގެ ސަބަބުން މާލީ މުާމަލާތްތައް ބައްޓަންކުރެވިގެންދާނީ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، އެ ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށްކަން ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.
މި ބަދަލާއެކު، ބީއެމްއެލްގެ ވިއުގަ މެދުވެރިކޮށް މުޅި ރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގެ ހިދުމަތް ފުޅާވެގެންދާނެއެވެ.
އެސްޑީއެފްސީގެ ނިޒާމުތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓް ކުރުމުގެ ސަބަބުން، އަތުން ކުރަންޖެހޭ މަސައްކަތްތައް މަދުވެ، ލޯނު ޕްރޮސެސްކުރުން އަވަސްވެ، އެސްޑީއެފްސީގެ ހަރުދަނާކަން ވެސް އިތުރުވެގެންދާނެއެވެ. ބީއެމްއެލްއަކީ ޕަބްލިކް ކުންފުންޏަކަށްވުމާއިއެކު، އެ ކުންފުނީގެ ބެލެނިވެރިކަމުގެ ދަށުން އެސްޑީއެފްސީގެ ހިންގުމުގެ ނިޒާމުވެސް ހަރުދަނާވެ، ރޭވުމާއި، ހިންގުމާއި، ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައްވެސް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މި ބަދަލުގެ ސަބަބުން، ކުދި އަދިި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭ މާލީ އެހީތެރިކަން އިތުރުވެ، އެ ވިޔަފާރިތަކުގެ ދައުރު ގައުމުގެ އިގްތިސާދުގައި ފުޅާވެގެންދާނެކަމަށް ބެލެވެއެވެ.

