ނ. މާފަރުގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައި ހުރި ކަންކަން، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ވީ އެންމެ ފުރިހަމައަކަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.
އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މާފަރުގެ ޞިއްޙީ ދާއިރާއާއި ގުޅުންހުރި ކަންކަމެވެ. އެގޮތުން، އާދީއްތަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމަށް ރައްޔިތުން އެދޭ ބަދަލުތައް ގެނައުމަށްފަހު، ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއް ތަރައްޤީކުރުމަށް، އަލުން މަސައްކަތް ފެށުމަށް ދަންނަވާފައިވާނެކަމުގައި ރައީސް ވިދާޅުވިއެވެ. ހަމަމިއާއެކު މާފަރުގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، 4 ކުލާސްރޫމް އިތުރު ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ވަޢުދާއި އެއްގޮތަށް، ކުޅިވަރުގެ ދާއިރާގެ ތަރައްޤީއާއިގުޅޭ ކަންކަން ދާދި އަވަހަށް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، މަގު ހެދުމުގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅަށް ތާވަލުކުރެވިގެން ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ބައިނަލްއާޤުވާމީ އެއަރޕޯޓެއް މާފަރުގައި އޮތްއިރު، އެކަމަށް އެންމެ އެކަށޭނަ ފެންވަރުގައި، ވަށާޖެހޭ ގޮތެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމާއި އެކަމާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެންމެ އިސްކަމެއްދެއްވާ ބޯހިޔާވަހިކަމުގެ ދާއިރާއިން، 2026 ވަނަ އަހަރު އަލަށް މަޝްރޫޢު ފެށިގެންދާ ރަށެއްގެ ގޮތުގައި، ނ. މާފަރު ހިމަނުއްވައި އެރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ފައްޓަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި ދެންވެސް ހުރި މިފަދަ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މަސައްކަތް ނިމިފައިވާ މާފަރުގެ ނަރުދަމާގެ ޚިދުމަތްވެސް، މިއަދު ރަސްމީކޮށް ވަނީ އިފުތިތާހުކޮށްފައެވެ.

