ކޮންމެ ރަށަކަށް ވެސް ވަކިން ދަތުރުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަން ހައްލު ކުރައްވާނެކަކަށާއި، އެ ރަށަކަށް ކުރާ ދެވަނަ ދަތުރު ގުޅެން ބޭނުން ވަނީ މަޝްރޫއުތައް ނިންމުމުގެ ރަސްމިއްޔާތުތަކާއި އެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހެނބަދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެ ރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތަކުގެ މަތީން ހަނދާން ނައްތާލާފައި ނުވާކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ކުރިޔަށް ދާނެ އަހަރަށެވެ.
ރަށުގެ ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާފައި ހުރި ބައެއް ކަންތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވި އޭގެ ތެރޭގައި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި ރަށުގެ ބިން ހިއްކުމާއި އޮރިއެންޓޭޝަންގެ މަސައްކަތްތައް ހިމެނޭ ގޮތަށް، ދަނޑު އެޅުމުގެ މަސައްކަތް ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ރައީސް ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު މަހުގެ ތެރޭގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމެވެ. އަދި ރަށުގައި އަޅުއްވައިދެއްވާނެކަމަށް އިއުލާނު ކުރި މިސްކިތުގެ މަސައްކަތުގެ ބިންގާ އެޅިގެން ދިއުމަކީ ލިބިގެން ދިޔަ އުފަލެއްކަމަށް ރައީސް ވިދާޅުވި އެވެ.
އަސާސީ ހިދުމަތްތަކުގެ ތެރެއިން ސިއްހީ ދާއިރާއަށް ގެންނަން ޖެހޭ އެކި ބަަދަލުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހިދުމަތް ދޭ ގަޑިތަށް އިތުރު ކުރުމަކީ ރައްޔިތުންގެ އެދުމެއް ކަމަށެވެ. އެހެންކަމުން ރަށުގެ ސިއްހީ މަރުކަޒުގު މަސައްކަތް ކުރެވި، ރައްޔިތުން އެދޭގޮތަށް ތަނުން އެންމެ މަދުވެގެން 16 ގަޑިއިރު ހިދުމަތް ދެވޭނެ މަގުފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތްތައް ކުރިޔަށްދާ ގޮތް ކުންފުނިތަކާއި، މިނިސްޓްރީތައް މެދުވެރިކޮށް ގާތުން ބައްލަވާ ކަމަށެވެ. އަދި ބޭނުން ވަނީ ކޮންމެ ރަށަކަށް ވެސް ވަކީން ގޮސް ރައްޔިތުންނާއި ބައްދަލުކޮށް ކަންބޮޑުވުންތައް އަޑުއެހުމަށެވެ. އެެއަށް ފަހު ދެން އެ ރަށަކަށް ކުރާ ދެވަނަ ދަތުރު ވެގެން ދާނީ، މަޝްރޫއުތައް ނިންމައި ކުރާ ދަތުރަށް ހެއްދެވުމަކީ އެމަނިކުފާނުގެ އަމާޒުކަމަށް ރައީސް ވިދާޅުވި އެވެ.

