ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލު ހޯދުމުގެ ވޯޓް ނަގަން 4 މަސް ދޭން ފެނޭ: އީސީ

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މަޖިލިސް ކޮމިޓީއެއްގައި/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ބިލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަން (އީސީ) އާ ބައްދަލުކޮށްފިއެވެ.

ހޯމަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް، މުހައްމަދު ޒާހިދުގެ އިތުރުން ކޮމިޝަނުގެ ބައެއް މެމްބަރުންވެސް ވާހަކަ ދައްކަވާފައިވެއެވެ. އަދި ބިލަށް ގެންނަން ފެންނަ އިސްލާޙުތައް އީސީން ވަނީ ކޮމިޝަނާ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް، މުހައްމަދު ޒާހިދު ވިދާޅުވީ، ވޯޓުގެ ނަތީޖާ ނެރުމުގައި ބަލާނީ، ވޯޓްލީ ރައްޔިތުންގެ އަގުލަބިއްޔަތަށްތޯ ނުވަތަ ވޯޓްލުމުގެ ޝަރުތު ހަމަވާ މީހުންގެ އަދަދަށްތޯ މިހާރު ބިލު އޮތްގޮތުން މުޅިން ސާފުނުވާ ކަމަށެވެ. އަދި ވިދާޅުވީ، އެކަން ސާފުވާ ގޮތަށް އެކަމާ ގުޅޭ މާއްދާތައް އިސްލާހުކުރަން ފެނިވަޑައިގަންނަވާކަމަށެވެ.

މިހާރު ބިލު އޮތްގޮތަށް ބަލާއިރު، ވޯޓު ނަގަން ޖެހޭ މުއްދަތާ ގުޅޭގޮތުން ބިލުގައި ބުނެފައި ވަނީ، އާންމުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ދުވަހާއި ދެމެދު މަދުވެގެން 45 ދުވަސް ދޭން ޖެހޭނެ ކަމަށެވެ. އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި ވޯޓަކަށް ދާން ޖެހޭނެ އެވެ.

ބިލުގައި ވަނީ އެ މުއްދަތުގެ ތެރޭގައި ވޯޓަކަށް ނުދެވިއްޖެ ނަމަ، އޭގެ ސަބަބު ބަޔާންކޮށް އަންގަންވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޒާހިދު ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓެއްގައި ރައްޔިތުންގެ ކައިރިން ކަމަކަށް އަހާއިރު ވޯޓަށް އަހާ ކަމަކާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، އެކަމަށް އެންމެ މަދުވެގެން ވެސް ދޮޅުމަސް ބޭނުންވާނެ ކަމަށެވެ. އެހެންވެ މިހާރުވެސް އިންތިޚާބުތަކުގައި އާންމު އުސޫލުން ބަލާ 4 މަސް ދުވަހުގެ މުއްދަތެއް ދޭން ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފެންނަ ނުފެންނަ ވޯޓުގެ ކަންކަމުގައި ރައީސްއަށް ލިބިވަޑައިގެންފައިވާ އިހުތިޔާރުތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރަންވެސް ފެނިލައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ބިލުގައި ބުނެފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން ކަމަށެވެ. އަދި އެ ގަރާރުގައި އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާއި ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެކަމަށް ވެއެވެ.

ގަރާރު ނެރޭއިރު ކަރުދާހުގައި ހިމަނަން ޖެހޭ ބައިތަކުގެ ތެރޭގައި މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތް ހުންނަންވާނެ އެވެ. އަދި މައްސަލައިގައި އާންމުގެ ވޯޓަކަށް ދަނީ ކޮން ސަބަބަކާއި ހުރެކަމާއި ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތަކީ ކޮބައިކަން ހިމެނުމަށްވެއެވެ.

ގަރާރުގައިވާ ގޮތުގެ މަތީން ވޯޓުގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންކަމަށްވުމާއި އެކު ވޯޓު އީސީއަށް އެކަން ހުށަހަޅަންވާނެ އެވެ. އެއާއި އެކު އެ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ސުވާލުގެ އިބާރާތް އާންމު ކުރަންވާނެ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ މެމްބަރުން ވަނީ ރައީސް އާއި މަޖިލީހުން ތަފާތު ދެ ކަމަކަށް އެއް ވަގުތެއްގައި ވޯޓެއް އަހާފާނެ ހާލަތެއް އައިސްފިނަމަ އަމަލުކުރާނީ ކިހިނެއްކަންބެސް ބިލުގައި ސާފުކޮށްދިނުން މުހިއްމުކަން ފާހަގަ ކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.

ބިލު ހުށަހަޅާފައިވާ ބޭނުމެއްކަމަށް ތައާރަފުގައި ބުނެފައި ވަނީ ގާނޫނުއަސާސީގައި ބަޔާން ކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ގޮތުގެ އުސޫލާއި އެ ނޫން ވެސް ވޯޓު ނެގުމާއި ގުޅޭ އެންމެހައި ކަންކަން އުސޫލުގައި ބަޔާން ކުރުމެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ނަމުގައި ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވާ ގޮތުން އާންމުންގެ ވޯޓު ނެގޭނީ ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކުގައާއި، ގައުމީ މުހިންމު މައްސަލަތަކުގައެވެ. އަދި ގާނޫނުއަސާސީގައި ބަޔާން ކުރާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ގުޅޭ އެއްވެސް ބާވަތެއްގެކަމެއްގައި ވޯޓަކަށް ދާންޖެހޭނެކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: