ނ. ހޮޅުދޫގައި ޒަހަމްތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ޙާދިސާގެ ކަންކަން ގާތުން ބައްލަވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ، ނ ހޮޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޒަކިއްޔާގެ އާއިލާއާއި ގާތް މީހުން ވަނީ އޭނާގެ މަރާ ގުޅޭ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނުކުމެ އިހުތިޖާޖުކޮށްފައެވެ.
އާއިލާއިން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެކަންކަން ގާތުން ބައްލަވާނެކަމަށެވެ. އަދި އޭނާގެ މަރާ ގުޅޭގޮތުން ކުރެވެމުންދާ ތުހުމަތުތަކާ ގުޅޭ ރަނގަޅު ތަހުގީގެއް ހިންގަވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، ހާއްސަ ކޮމިޝަނަކާއި އެކު ހާއްސަ އިންކުއެރީއެއް ހޯދައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އާއިލާގެ ފަރާތުން މީގެ ކުރިން ސިޓީއެއް ފޮނުވާފައިވެއެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވަނީ ފުލުހުންގެ ފަރާތުން ހަމައެކަނި މަސައްކަތްކުރަނީ ޒަކިއްޔާ މޫސާ އަމިއްލަ އަށް މަރުވީ ކަމަށް ދެއްކުމަށް ކަމަށެވެ. އަދި ކަމުގެ ޙަޤީޤަތް ހޯދުމަށް ބޭނުން ނުވާކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ކަންކަން ފޮރުވަން މަސައްކަތްކުރާ ތަން ކަމަށް ބުނެފައިވެއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން ގެންދާ ތަހުގީގުގައި ކަންބޮޑުވުންތައް ހުރުމުން އާއިލާގެ ފަރާތުން އެކަން ޝަކުވާއެއްގެ ގޮތުގައި ޕީޖީ އޮފީހަށްވެސް ހުށަހަޅާފައިވެއެވެ.
އާއިލާގެ ފަރާތުން ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގައި ހިނގި އެ ހާދިސާގެ ހަގީގަތް ހޯދުމަށް މިހާތަނަށް ވެސް ފުލުހުންގެ ފަރާތުން އެކަށީގެންވާ ތަހުގީގެއް ހިންގާފައިވާކަމަށް ނުދެކޭކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ ފުލުހުން ހަދާފައި ހުރި ގޯސްތަކަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވެސް އެއްބަސްވެވަޑައިގެން، އެކަން ފާހަގަކުރެއްވިކަމަށެވެ. އެގޮތުން އޮޓޮޕްސީ ނަހަދައި ދޫކޮށްލުން އެއީ ހެދުނު ގޯހެއްކަމަށް މިނިސްޓަރ ގަބޫލު ކުރައްވާކަމަށް ވެއެވެ.
އާއިލާއިން ބުނީ އޮޓޮޕްސީ ހެދުމަށް ފުލުހުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގަސްތުކޮށްފައި ނުވާކަމަށެވެ. އަދި ހާދިސާ ހިނގިތާ 7 މަސް ވަނިކޮށް ވާޗުއަލް އޮޓޮޕްސީއެއް ހެދިކަމަށް ބުނެ މީޑިއާތަކަށް ދިން މައުލޫމާތުތަކަށް ކަންބޮޑުވާކަމަށް ވަނީ ބުނެފަ އެވެ.
އެހެންކަމުން ޒަހަމްތަކާއި އެކު އޮތް ޒަކިއްޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޮޓޮޕްސީއެއް ހަދާފައި ނުވާއިރު ކުއްލިއަކަށް ވާޗުއަލް އޮޓޮޕްސީއެއްގެ ވާހަކަ އާއިލާއަށް ވެސް ނޭނގި ދެކެވުނީ ކިހިނެއްތޯ ސުވާލު އުފެއްދި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ޢަމަލުކުރަމުންދާ ގޮތުގެ ކަންބޮޑުވުން މީގެ ކުރީގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ސަމާލުކަމަށް އާއިލާގެ ފަރާތުން ގެނެސްފައި ވެއެވެ.
އާއިލާއިން ވަނީ ދިރިހުރުމުގެ ހައްގަކީ ގާޤާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގަކަށްވެފައި، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގެ ދަށުން ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސިކުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއްކަން ފާހަގަކޮށްފަ އެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ އަމަންއަމާންކަން ގާއިމްކުރުމަކީ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ސަލާމަތީ ހިދުމަތްތަކުން ކުރަންޖެހޭ މަސައްކަތަކަށް ވާތީ، މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ކޮށްދެއްވުމަށް ވަނީ އެދިފަ އެވެ.

