ފްރީ ޓްރޭޑް އެއްބަސްވުމެއްގެ އިތުރުން ރާއްޖެއާއި ދެމެދު އިންވެސްޓްމެންޓް ޓްރީޓީއެއް އެކުލަވާލުމަށްޓަކައި މަޝްވަރާތައް ކުރެވެމުންދާކަމަށް އިންޑިއާގެ ފޮރިން ސެކެޓްރީ ވިކްރަމް މިސްރީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ބައިވެރިވެވަޑައިގަތުމަށް ނިންމާފައިވާއިރު އެގައުމުގެ ފޮރިން ސެކެޓްރީ މިސްރީވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުރެވިގެންދާނެކަމަށް ބެލެވޭ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އިންޑިއާގެ ނޫސްތަކާއި ހިއްސާކުރައްވާފައެވެ.
ރާއްޖެ ދެމެދު މައްސަލަތަކެއް އުފެދިގެންދިޔަ ކަމާއިމެދު ސުވާލުކުރުމުން އޭނާ ވިދާޅުވީ، ދެ ގައުމުގެ ދެމެދު އޮތް ގުޅުމަށް އަސަރުކޮށްފާނެ ފަދަ ހާލަތުތައް އަބަދުވެސް އުފެދޭނެކަމަށެވެ. ނަމަވެސް ގުޅުން ދެމެހެއްޓިފައި އޮތުމުން އެކަމަށް ދޭ އަހައްމިއްޔަތު ފެނިގެންދާކަމަށާއި ހީނަރުވެގެންދާން ފުރުސަތު ނުދިނުމަށްޓަކައި ދެ ފަރާތުންވެސް މަސައްކަތްތަކެއް ކުރިއިރު އެކަމުގެ ނަތީޖާވެސް ފެންނަން އޮތްކަމަށް ފާހަގަކުރެއްވިއެވެ.
މިސްރީ ވިދާޅުވީ، ރާއްޖެއަށްވަނީ މާލީ ދަތިތައް ކުރިމަތިވެފައިކަމަށާއި އިންޑިއާއިންދަނީ އެކަމުން އަރައިގަތުމަށްޓަކައި އެހީތެރިކަން ފޯޯރުކޮށްދެމުންކަމަށެވެ. މިފަހުންވެސް ރާއްޖެއަށް ދީފައިވާ އެހީތަކުގެ ސަބަބުން ފޮރިން އެކްސްޗޭންޖް ޕޮސިޝަން ދެމެހެއްޓުމަށް ފަހިވެގެންދިކަމަށް އިޝާރާތްކުރެއްވިއިރު އެކަން ކުރެވުނީ އިންޑިއާއިން ދީފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް މެދުވެރިކޮށްކަން ހާމަކުރެއްވިއެވެއެވެ. މިސްރީ ވިދާޅުވީ، އެ ސްވަޕް ލައިން އެއްކޮށް ބޭނުންކުރެވިފައިވާކަމަށް ފެނިގެންދާކަމަށާއި މިހާރު އިންޑިއާއިން ދީފައިވާ 30 ބިލިއަން ރުޕީގެ ސްވަޕްލައިން ބޭނުންކުރުމާއި ގާތަށް ގޮސްފައިވާކަމަށެވެ.
ރާއްޖެއަކީ އިންޑިއާގެ ނެއިބާރހުޑް ފަސްޓް ސިޔާސަތުގައި މުހިންމު ބައިވެރިއެއްކަމަށް ހިއްސާކުރެއްވިއެވެ. އަދި ރާއްޖެއަށް ކުރިމަތިވާ ކޮންމެ ހާލަތެއްގައިވެސް އެހީތެރިކަން ދިނުމަށް އިންޑިއާއިން އަވަސްވެގަންނަކަމުގެ މައްޗަށްވެސް އަލިއެޅުއްވިއެވެ. މިސްރީ ވިދާޅުވީ، ނިމިދިޔަ އަހަރުގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު އަދި އެ ގައުމުގެ ބޮޑުވަޒީރު މޯދީގެ ބެެއްލެވުމުގެ ދަށުން ދެ ގައުމުންވެސްވަނީ އިގްތިސާދާއި ކަނޑުމަތީގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ތަސައްވުރެއް އެކުލަވާލައި އެއްބަސްވެފައިކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އެ ތަސައްވުރުގެ މައްޗަށްކަމަށާއި ވޭތުވެދިޔަ ހަ ވަރަކަށް މަސް ދުވަހުގެ ތެރޭގައި މިނިސްޓަރު ފެންވަރުގެ ބޭފުޅުން އެ ގައުމަށް ގިނަ ދަތުރުތަކެއް ކުރައްވާފައިވާކަމަށެވެ.
މިސްރީ ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު އެއް ބައިވެރިޔާކަމަށާއި ދެ ގައުމުގެ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ އަގު 500 މިލިއަން ޑޮލަރަށް އަރާކަމަށެވެ. އަދި މިހާރު ދެ ގައުމުންވެސްދަނީ ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވާލުމުގެ ގޮތުން މަޝްވަރާކުރަމުންކަމަށާއި އިންވެސްޓްމެންޓް ޓްރީޓީޢެއްގެ މަޝްވަރާތައްވެސް ކުރިއަށް ދާކަމަށެވެ. އޭނާ ވިދާޅުވީ، ގުޅުން ބަދަހިކުރެވިދާނެ އައު ދާއިރާތައް ދެނެގަތުމުގެ ގޮތުންވެސް މަޝްވަރާތައް ކުރިއަށް ގެންދާކަމަށާއި މީގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައާއި މަސްވެރިކަމުގެ ދާއިރާވެސް ހިމެނޭކަމަށެވެ.

