މާލެ ސަރަހައްދުގެ މަގުތަކުގައި ވީއްލިގެން އުޅޭ ބުޅާތައް ބަޔަކު މީހުން މަރަމުންދާކަމުގެ ޝަކުވާ ހުށައެޅިފައިވާކަމަށް އެނިމަލް ވެލްފެއަރ މިނިސްޓްރީން ބުނެފިއެވެ.
އެނިމަލް ވެލްފެއަރ މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައިވާގޮތުން ބަޔަކު މީހުން މާލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތަކަށް ގޯނާކޮށް އަނިޔާކުރުމުގެ އިތުރުން މަރާކަމުގެ ޝަކުވާތައްވެސް ލިބިފައިވާކަމަށެވެ. މިއީ ޖަނަވާރުތަކުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާއި ހިލާފު އަމަލުތަކެއް ކަމަށްވުމުން އެކަން ނުކުރުމަށް އިލްތިމާސްކުރާކަމަށް ބުނެފައިވެއެވެ.
ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަހްފޫމަކީ ބައިނަލްއަގުވާމީގޮތުން ބަލައިގަނެފައިވާ ޖަނަވާރުތަކަށް ލިބިގެންވާ ފަސް މިނިވަންކަން ކަމަށް ފާހަގަކޮށްފައިވެއެވެ. މިގޮތުން ހައިހޫނުކަމާއި ކަރުހިއްކުން އަދި ކާޑުބަލިން މިންޖުވުން ހިމެނޭއިރު ބިރުގަތުމާއި ހާސްވުމާއި ކަންބޮޑުވުން މިންޖުވުމުގެ މިނިވަންކަން ހިމެނޭކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޖިސްމާނީގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަމާއި ޖިސްމާނީގޮތުން ހާނިކަތަކާއި ބަލިތަކުން މިންޖުވުމުގެ މިނިވަންކަމުގެ އިތުރުން އާދަވެގެން އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުން ހިމެނޭކަމަށް ބުނެފައިވެއެވެ.
އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކީ އިންސާނުންގެ ވެށީގައި ދިރިއުޅޭ ބުއްދިއެއްނުވާ ތަކެއްޗަށްވުމުން އެތަކެތީގެ ފަރާތުން ބައެއް ދަތިތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް ހާނިކަކުރުމަކީ އިންސާނީގޮތުން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ހިއްސާކޮށްފައިވެއެވެ. އަދި މިފަދަ ތަކެއްޗަށް އޯގާތެރިކަމާއިއެކު ރަހުމުކޮށް އަމަލުކުރުން އިސްލާމް ދީނުންވެސް ބާރު އަޅާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ދީނުގައި ހައްގުތަކެއްވެސް ކަށަވަރުކޮށްދީފައިވާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން މިނިސްޓްރީންދަނީ ބުޅާތަކަށް ރައްކައުތެރި މާހައުލެއް ލިބިދިނުމަށްޓަކައި ހުޅުމާލޭގައި ގާއިމުކޮށްފައިވާ އޮޅު ހިޔާއަށް އިތުރު ބުޅާތަކެއް ވެއްދުމުގެ މަސައްކަތްތައް ކުރަމުންކަމަށް މައުލޫމާތު ދީފައިވެއެވެ.

