ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ފަހުރުވެރިކަން އިހުސާސްވާ ކަމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތުފުޅަށް 2025 ޖުލައި 25 ވަނަ ދުވަހު ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މިއީ ރައީސް މުއިއްޒުގެ ވެރިކަމުގައި މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އިންޑިއާގެ ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި 2025 ވަނަ އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުގެ އިތުރުން، ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމަށްވެސް 60 އަހަރު ފުރޭ އަހަރެވެ. އަދި ”ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ކުރެވޭ މަޝްވަރާތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުންތައް އިތުރު ސިނާއަތްތަކަށް ފުޅާކުރެވިގެންދާނެ މަޝްވަރާތަކެއް“ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ އެކުވެރިކަން އާ ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މި ދަތުރުފުޅު ކުރެއްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމުގައި ސިޔާސީ މާހިރުން ފާހަގަކުރެއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބަސްވުންތަކެއް ވެވޭނެ ކަމަށް ބެލެވެއެވެ. އަދި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ސަގާފީ ގުޅުން އިތުރަށް ފުޅާވެގެންދާނެ ދަތުރުފުޅެއް ކަމަށްވެސް ލަފާކުރެވެއެވެ.

