ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުގެ އައު ފަސިންޖަރު ޓާމިނަލް ހުޅުވުމަށްޓަކައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތަށް އެއާޕޯޓުގެ ޓްރެފިކު ފްލޯއަށް ބަދަލުތަކެއް ގެންނަން މޯލްޑިވްސް އެއާޕޯޓްސް ކޮމެޕްނީ ލިމިޓެޑ(އެމްއޭސީއެލް)އިން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އެމްއޭސީއެލްއިން މައުލޫމާތު ދެމުން ބުނެފައިވަނީ، ވީއައިއޭގެ އައު ޓާމިނަލް ރަސްމީކޮށް، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ސަލާމަތާއި ރައްކާތެރިކަމާއިއެކު ކުރިއަށް ގެންދިޔުމުގެ ގޮތުން، ޖުލައި 26ގެ ރޭގަނޑު 19:00 އިން ފެށިގެން 23:30އަށް އެއާޕޯޓަށް ވަދެ، ނިކުތުމަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.
އެއާޕޯޓަށް ވަދެ، ނިކުތުމަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، އެއާޕޯޓަށް ވަންނަ މަގާއި އަދި ޓަރމިނަލް ސަރަހައްދަށް ވަދެވޭނެ އުޅަނދުތަކަކީ، ހުއްދަދެވިފައިވާ އުޅަނދުތަކަށް ކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.
އެހެންނަމަވެސް، ޓެކްސީ އަދި އަމިއްލަ ފަރާތްތަކުުގެ އުޅަނދުތަކަަށް އެއާޕޯޓުގައި ހުންނަ ފުލުހުންގެ ޕޯސްޓު އަދި އިރުމަތީ ފަރާތު ޕާކިްނ ސަރަހައްދަށް ވަނުމުގެ ހުއްދަ ލިބިގެންވާއިރު، ޓާމިނަލް ސަރަހައްދަށް ދިއުމަށް އެމްއޭސީއެލްގެ އުޅަނދުމަށް ހަމަޖެހިފައިވާނެކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، އެއާޕޯޓަށް ވަދެ އަދި ނިކުތުމުގައި ބަދަލުތަކެއް ގެނެސްފައިވާނަމަވެސް، އެއާޕޯޓު ފެރީ އަދި ބަހުގެ ހިދުމަތް މެދުކެނޑުމެއްނެތި މާލެއާއި ހުޅުމާލެއިން ހުޅުލެއަށް ދާ ފަރާތްތަކަށް ލިބިގެންދާނެކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.
އެމްއޭސީއެލްއިން ވަނީ މިފަދަ ތަންވަޅެއްގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

