ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ހުޅުމާލެގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.
މި ހަރަކާތުގެ މަގުސަދަކީ، އެކި ކހަލަ މޫދުގެ ދިރުންތައް އެކި ސަރަހައްދުގައި އާލާކުރުންކަމަށްވާއިރު، މި ހަރަކާތަކީ އެޗްޑީސީގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަގްސަދުގައިވެސް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގަ، އެންވައިރަމެންޓު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި) ގެ ބައިވެރިވުމާއެކުއެވެ. އެގޮތުން، މި ހަރަކާތް ކުރިއަށް ގެންދާ ސަރަހައްދަށް، އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އީޕީއޭގެ އިސްވެރިން އަދި އެމްއެމްއާރްއައިގެ އިސްވެރިން ވަނީ މިއަދު އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި، މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެލެއްވިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެޗްޑީސީން ބުނެފައިވަނީ، ހުޅުމާލެ އިރުމަތީ ފަރުން ވަކިބާވަތެއްގެ މުރަކަ ނެގުމަށްފަހު، ހުޅުމާލެ ފުރަތަމަ ފިޔަވަހީވެ ޗެނަލްގައި މުރަކަ އިންދުމުގެ ހަރަކާތެއް 2025 ޖުލައި 23 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަކަމަށެވެ.
މި މުރަކަ އިންދުމުގެ ހަރަކާތްތައް އެކި މަރުހަލާތަކަށް ބަހާލައިގެން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
ތިމާވެށި ރައްކާތެރިކުރުމަކީ ރާއްޖޭގެ ނާޒުކު އަދި ޗާލު ތިމާވެއްޓާއި މާހައުލު އަންނަން އޮތް ޖީލަށް ގެނެސްދިނުމަށްޓަކައި ވަރަށް މުހިންމުކަމެކެވެ. އެގޮތުން، މި މުރަކަ އިންދުމުގެ ހަރަކާތަކީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް އާލާކޮށް، ނެތިދިޔުން ހުއްޓުވުމަށް ކުރެވޭ ވަރަށް މުހިއްމު މަސައްކަތެކެވެ.

