ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އިލްތިމާސް؛ ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން، ގައުމު އިސްކުރޭ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ވެގެން އަންނަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ނަމަވެސް، އޭގެއިން ކޮންމެ މެމްބަރެއް ވެސް ފުރަތަމަ އިސް ކުރަން ޖެހޭނީ ދިވެހި ގައުމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ވެލިދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުލިބޭތީ، އެކަމާއި ގުޅޭގޮތުން ރައީސް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ މިއަދު ހަވީރު ފޮއްދޫގައި އޮތް ޖަލްސާގަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފޮއްދޫ ހިމެނޭ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްގެ ފަރާތުން ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ނުލިބޭ ކަމަށެވެ.

އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ސަރުކާރަށް ފާޑުކިއުމާއި، ތުހުމަތުތައް ކުރާއިރު އެބޭފުޅުން ދާއިރާގެ ކަންކަމުގައި އެމަނިކުފާނުގެ އަރިހަށް އައިސްފައި ނެތްކަމަށް ރައީސް ވިދާޅުވި އެވެ. އެއީ އެމަނިކުފާނަށް މައްސަލައެއް ވެސް ނޫންކަމަށާއި، ދާއިރާއަށް ގެނަން ޖެހޭ ތަރައްގީ އެއާއި އެކު ވެސް ގެނެވޭކަމަށް ރައީސް ވިދާޅުވި އެވެ. ގޯހީ ރައީސް ފާހަގަ ކުރެއްވި ގޮތުން ކަންކަމުގައި އެއްބާރުލުން ނުލިބުމެވެ.

ރައީސް ވިދާޅުވީ ކޮންމެ މެމްބަރަކީ ވެސް ދިވެހި ގައުމު އިސް ކުރާ، ދިވެހި ގައުމު ދެކެ ލޯބިވާ ބަޔަކަށް ވާން ޖެހޭކަމަށެވެ. އަދި ސިޔާސީ ގޮތުން ވަކި ފިކުރެއްގައި ހުރުމުގެ މާނައަކީ އަބަދު ސަރުކާރާއި ދެކޮޅުވެރިވުމެއް ނޫންކަމަށް ވިދާޅުވިއެވެ.

ވަށާޖެހޭ ތަރައްގީއެއް ގެނައުމަށް މަސައްކަތް ކުރާއިރު، ދާއިރާގެ މެމްބަރުންގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމަކީ ކަންބޮޑުވުމެއްކަމަށް ރައީސް ވިދާޅުވި އެވެ. މި ހުރިހާ ދަތިތަކެއްގެ ގިރާކޮށް، ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން.. އަޅުގަނޑުމެން އިސް ކުރަންވީ ދިވެހި ގައުމު.. އިސްލާމް ދީން، ދިވެހި ބަސް.. އެކަން އިސްކޮށްގެން ނޫނިއްޔާ ކިތަންމެ އެއާޕޯޓެއް އެޅިޔަސް ހަގީގީ ތަރައްގީއެއް ނާންނާނެ..

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް ހިދުމަތް ދިނުމަށް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެ ރަށަކަށްވެފައިވާ ވައުދުތަކާއި އެއްކޮށް، ދެން ބޭނުންވެފައި ހުރި ކަންކަން ދެނެގަނެ ސަރުކާރުން ހައްލު ގެންނާނެކަމަށް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި އަހަރަށް ލަފާކުރި ބަޖެޓާއި އެއްގޮތަށް އަންނަ އަހަރުގެ ބެޖެޓުގައި ވެސް ގެދޮރުވެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށެވެ. އެއް ބިލިއަން ޑޮލަރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓު އިއުލާނު ކުރައްވައި ރައީސް ވިދާޅުވީ އޭގެ ފައިދާ ވެލިދޫއަށް ވެސް ކުރާނެކަމަށެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އެންމެ މުހިންމީ ހިދުމަތްތައް ފުޅާކުރުންކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ވެލިދޫއާއި ކައިރީގައި އެއާޕޯޓެއް ގާއިމު ކުރުމުގެ މަސައްކަތް އިއުލާނު ކުރެއްވިއިރު ރަށުގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް ރައީސް މިރޭ ވަނީ އިއުލާނު ކުރައްވާފަ އެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށޭނެކަމަށެވެ.

ތަރައްގީ ގެނައުމުގައި އާބާދީގެ ނިސްބަތުން އެ ރަށެއްގައި ދިރިއުޅެނީ ކިތަށް މީހުންތޯ މި ސަރުކާރުން ނުބަލާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތަރައްގީ ގެންނާނީ ކުޑަ ރަށެއް، ބޮޑު ރަށެއް ބެލުމެއް ނެތި ރައްޔިތުންނަށް ހަމަހަމަކާއި އެކު ހިދުމަތް ދިނުމުގެ ބޭނުމުގައިކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް މުޖްތަމައުގައި ގާއިމުވެފައި އޮންނަން ޖެހޭ އަމާންކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ފުރަތަމަ ދިވެހިރާއްޖެ އިސް ކުރުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: