ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ބ. އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އާރްޓީއެލް ފެރީ ހިދުމަތަކީ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކު (އައި.އެންޕީ.އެފް.އެން)ގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
އައިއެންޕީއެފްއެންގެ މަޝްރޫއުގެ ދަށުން މުޅި ރާއްޖެ 3 ފިޔަވައްސަކަށް ބަހާލައިގެން 6 ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ގެންދާ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިގެންދާނެއެވެ. އެގޮތުން، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ، ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު، އަތްފޯރާފަށުގެ އަގެއްގައި ދަތުރުފަތުރު ކުރެވޭނެ މަގުކޮށައިދިނުމެވެ. މީގެއިތުރުން، މި މަޝްރޫއަކީ، އިގްތިސާދި އަދި އިޖުތިމާއި ގޮތުން ފައިދާހުރި ނިޒާމެއްވެސް ގާއިމުކުރުމުގެ ނިޔަތުގައި ކުރިއަށް ގެންދާ މަޝްރޫއެއްވެސްމެއެވެ.
ފެރީގެ ހިދުމަތް ފެށިގެންދާއިރު، ބ. އަތޮޅުގެ ރައްޔިތުން، އެ ހިދުމަތްތަކަށް އަހުލުވެރިކުރުމުގެ ފުރުސަތު ދިނުމަށްޓަކައި، 2025 ވަނަ އަހަރުގެ ޖުލައި 28 ވަނަ ދުވަހުން ފެށިގެން، ކުރިއަށް އޮތް އޮގަސްޓު މަހުގެ 03 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
7 ދުވަހުގެ މުއްދަތަކަށް ބ. އަތޮޅުގެ ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން ހިލޭ ފެރީ ހިދުމަތްތައް ދޭންހަމަޖެހިފައިވީނަމަވެސް، 2025 އޮގަސްޓު 4 ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީގެ ދަތުރުތައް ކުރެވޭނީ ޓެކެޓް ނަގައިގެން ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އާރްޓީއެލްގެ ފެރީގެ ހިދުމަތް ލުއިފަސޭހަކަމާއިއެކު ކުރެއްވުމުގެ ގޮތުން، 2025 ޖުލައި އޮގަސްޓު 1 ވަނަ ދުވަހުން ފެށިގެން، އާރްޓީއެލްގެ ވެބްސައިޓު https://www.rtl.mv/#/home ނުވަަތަ އާރްޓީއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގެމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ބ. އަތޮޅުގައި ފެށިގެންދާ އާރްޓީއެލް ހިދުމަތާއިއެކު، އައިއެންޕީއެންއެފްގެ ޒޯން 2 ގައި ހިމެނޭ އަތޮޅުތައް ފުރިހަމަވެގެންދާނެއެވެ. އެގޮތުން، އައިއެންޕީއެންއެފްގެ ޒޯން 2ގައި، ޅ. އަތޮޅޫ އަދި ރ އަތޮޅު ހިމެނޭއިރު، އެ އަތޮޅުގައިވެސް މިހާރު އާރްޓީއެލް ހިދުމަތް މިވަނީ ފަށައިފައެވެ.
މީގެއިތުރުން، މުސްތަގުބަލުގައި، އައިއެންޕީއެންއެފްގެ ޒޯން 2 ގައި ހިމެނޭ އިތުރު 4 އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ބ. އަތޮޅުގައި ފެށިގެންދިޔަ އާރްޓީއެލް ހިދުމަތާއިއެކު، ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ ތެރެއިން ޖުމްލަ 11 އަތޮޅެއްގައި އާރްޓޯއޭލް ފެރީގެ ހިދުމަތް ދެވިގެންދާނެއެވެ.
އާރްޓީއެލް ފެރީ ހިދުމަތަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރަމުންދާ މުހިއްމު މަޝްރޫއެކެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ދިވެހި ރައްޔިތުންނަށް ދެވޭ ފެރީގެ ހިދުމަތް ފޯރުކޮށް، އާރްޓީއެލް ހިންގުމާއި ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ.

