ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތް ގުޅުމަކީ ހަގީގީ އެކުވެރިކަމެއްގެ ގޮތުގައި އަދުގެ ސަރުކާރުން ބަލައިގަނެފައިވުމަކީ ރަނގަޅު ނިންމުމެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖެއާއި ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައި އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ، އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ނިންމަވާފައިވާކަމާއިމެދު އެ ޕާޓީން އުފާކުރާކަމަށެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރިގެންދާ މުނާސަބާގައި ދަތުރުފުޅު ކުރެއްވުމަށް ނިންމަވާފައިވުމުން އެކަމުގެ މުހިންމުކަން ފެނިގެންދާކަމަށެވެ.
ޝާހިދު ވިދާޅުވީ، މި ދަތުރަކީ ހަމައެކަނި ރަމްޒީ މަސައްކަތްފުޅެއް ނޫންކަމަށާއި މިފަހުން ދެ ގައުމުގެ ދެމެދު އޮތް ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާއިރު މިނިވަން ދުވަހުގެ މުނާސަބާގައި ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އިތުރުން އެ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ނިންމާފައިވުމުން ދެ ގައުމުގެ ދެމެދު އޮތީ ކުޑަކުޑަ ސިޔާސީ މައްސަލައެއްގެ ސަބަބުން ރޫޅިގެންދާ ވަރަށްވުރެ ވަރުގަދަ ގުޅުމެއްކަން ފެނިގެންދާކަމަށެވެ.
ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތީ ހަގީގީ އެކުވެރިކަމެއްކަން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަލައިގަނެފައިވުމަކީ ރަނގަޅުކަމެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި އެ ގުޅުމަކީ ވޭތުވެދިޔަ 60 އަހަރު ދުވަހުގައިވެސް ފުޅާވަމުން އަންނަ ގުޅުމެއްކަމަށާއި މިހާރު ކަންކަން އޮތް ގޮތުން ވޭތުވެދިޔަ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ދެކެވެމުންދިޔަ ސިޔާސީ ވާހަކަތައް އެއް ފަރާތްކޮށް ކުރިއަށް ދެވޭނެކަން ފެނިގެންދާކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މޯދީގެ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ އައު ފެށުމެއްކަން އެންމެންވެސް ދަންނަން ޖެހޭކަމަށާއި އަވަށްޓެރި ގައުމުތަކާއި ތަރައްގީގެ ބައިވެރިންނަކީ ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ގޮތުން ހިތުހުރި ގޮތެއްގެ ހެދުމަށް ތިބި ބައެއް ނޫންކަން ސިޔާސީ ޕާޓީތަކުންވެސް ބަލައިގަންނަން ޖެހޭކަމަށެވެ. ރާއްޖޭގެ މިނިވަންކަމަށް މި އަހަރު 60 އަހަރު ފުރިގެންދާއިރު އިންޑިއާާ ދެމެދު އޮތް ގުޅުމަށްވެސް 60 އަހަރު ފުރިގެންދިއުން ފާހަގަކުރާކަމަށް ހިއްސާކުރެއްވިއެވެ. އަދި ވޭތުވެދިޔަ 60 އަހަރުގެ ދުވަހުގެ ތެރޭގައިވެސް އިންޑިއާއިންވަނީ ބަދަލުނުވެ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިހުރެފައިކަމަށް ވިދާޅުވިއެވެ.

